ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލުކުރައްވައިފި

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލުކުރައްވައިފިއެެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރާ މެދު ބަހައްޓަވާ ގާތްކަމަށް ޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނަަށް ޝުކުރުއަދާކުރައްވައިފައެވެ. ހަމައެއާ އެކު ދިވެހިރާއްޖޭގައި ހުންނަ ސުޢޫދީ ޢަރަބިއްޔާގެ އެމްބަސީއިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކަންކަމުގައި ދެއްވާ އަހައްމިއްޔަތާއި އިސްކަން ފާހަގަކުރައްވައި ވަޒީރު ވަނީ ސަފީރަށާއި އެމްބަސީގެ އިސްވެރީންނާ މުވައްޒަފުންނަށް ޝުކުރުއަދާކުރައްވައިފައެވެ.

އަދި އައު ސަފީރުގެ ޒަޢާމަތުގައި މި ގުޅުން އިތުރަށް ބަދަހިކޮށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ވަޒީރު ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންގެ ކަންކަން ލުއިފަސޭހަކަމާއެކު ކުރިއަށް ގެންދެވުމަށް ސަޢުދީ ސަރުކާރުންނާއި އެމްބަސީން ވެދެއްވި އެހީތެރިކަމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ވަޒީރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި ވުޒާރާގެ މެންޑޭޓާއި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ސަފީރަށް ދެއްވާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން