ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖޫން މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕިއުޓިކް ފަރުވާއަށް 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ޚަރަދުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚާއްސަ ފަރުވާތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރެވުނު ޚަރަދުތަކެކެވެ.
އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ޖޫން މަހު ޖުމްލަ 108 މީހަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް 4,055,281 (ހަތަރު މިލިޔަން ފަންސާސް ފަސް ހާސް ދުއިސައްތަ އައްޑިހަ އެއް) ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. މި ފަރުވާގެ ޚަރަދުތަކުން ފައިދާ ކުރި ފަރާތްތަކުގެ ތެރޭގައި 72 ފިރިހެނުންނާއި 36 އަންހެނުން ހިމެނެއެވެ.
ޖޫން މަހު އެންސްޕާއިން ޚަރަދުކުރި ތެރަޕީގެ ބާވަތްތަކާއި ޚަރަދު ކުރި ޢަދަދުތަކަށް ބަލާއިރު ބިހޭވިއަރ ތެރަޕީއަށް 63 ފަރާތަކަށް 1,106,650 ރުފިޔާ، އޮކިއުޕޭޝަނަލް ތެރަޕީއަށް 72 ފަރާތަކަށް 1,222,776 ރުފިޔާ، ސްޕީޗް ތެރަޕީއަށް 61 ފަރާތަކަށް 1,022,420 ރުފިޔާ، އެޑިއުކޭޝަނަލް ތެރަޕީއަށް 39 ފަރާތަކަށް 603,925 ރުފިޔާ، ސައިކޯ ތެރަޕީއަށް 4 ފަރާތަކަށް 42,000 ރުފިޔާ، ފިޒިއޯ ތެރަޕީއަށް 2 ފަރާތަކަށް 20,110 ރުފިޔާ އަދި އަރލީ އިންޓަވެންޝަންއަށް 5 ފަރާތަކަށް 37,400 ރުފިޔާ އެވެ.
ރާއްޖޭގައި މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14,412 މީހުން ރަޖިސްޓްރީވެފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ މިފަދަ އެހީތެރިކަމަކީ އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވުމަށް މަގުފަހިކޮށްދޭ މުހިންމު ފިޔަވަޅެކެވެ.