އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އަބްދުއްރަހްމާން އާދަމް (65އ.) ގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެ ގެނެސްފިއެވެ. މި ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބުނެފައިވަނީ އަބްދުއްރަހްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ އޭނާ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، މި މައްސަލައިގެ ތަޙްޤީގަށް ބޭނުންވާ އިތުރު ހެކި ހޯދުމަށް ކަމަށެވެ.
އަބްދުއްރަހްމާން އާދަމް އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު އޮއްވާ ފެނިގެން އެކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:50 އެހާކަންހާއިރުއެވެ. އޭނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާޅޮހުގައި ތަޙުޤީޤެއް ފުލުހުން ފަށާފައިވާއިރު އަބްދުއްރަހްމާން ނިޔާވުމާ ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިހާދިސާއާ ގުޅިގެން އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އޭނާގެ އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.