މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު އަލްސަން މުހައްމަދުކަން ވަނީ ހާމަވެފައެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މާފަންނު ބަސް ސްޓޭޝަން ކައިރީގައެވެ.
ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު، މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސްއިން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.
އެކްސިޑެންޓްވި ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާ އަދި ނިޔާވި 17 އަހަރުގެ އަލްސަން އެވެ.
މި ހާދިސާގައި ޖުމްލަ ތިން މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން މަރުވީ އަލްސަން އެވެ. އަނެއް ދެ މީހުންނަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު، އެ ދެ މީހުންގެ ވެސް ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.