މި ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމްގެ 6 ވަނަ ސެޝަން މިރޭ 21:00 ގައި އޮންނާނެއެވެ.
މި ފޯރަމަކީ އާންމުންނަށް ބައިވެރިވެ، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ ފޯރަމެކެވެ.
ދެ ގަޑިއިރަށް ކުރިއަށްގެންދާ މިރޭގެ ފޯރަމުގައި ހަތަރު ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ބޭފުޅުންނަކީ، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
އަދި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ މަގުސަދަކީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް ދިމާވާ ސުވާލުތަކަށް ސީދާ ވަޒީރުންގެ ފަރާތުން ޖަވާބު ދެއްވުމުގެ ފުރުސަތު ދިނުމެވެ. މިއީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ސަރުކާރަކަށް ވުމުގެ ވައުދުގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ.
މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރެވޭނެއެވެ.