ފ. މަގޫދޫގައި މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓްގެ ފަޔަރ ބިލްޑިންގއަށް ބަޔަކު ގެއްލުންދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، މަގޫދޫ އެއަރޕޯޓް ސައިޓްގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފުންނަށް މި މައްސަލަ ފާހަގަކުރެވިގެން މިއަދު ހެނދުނު 07:47 ގައި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އެއަރޕޯޓްގެ ފަޔަރ ބިލްޑިންގގެ ވަށައިގެންވާ ބިއްލޫރިތައް ވަނީ ތަޅާލާފައެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ އިމާރާތުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން، އަލިފާން ރޯކޮށްލުމަށްވެސް މަސައްކަތްކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ.
މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް، ހާދިސާ ހިނގި ސަރަޙައްދު ބަލައި ފާސްކޮށް ބައެއް ހެކިތައް ނަގާފައެވެ. މިކަމުގައި ބައިވެރިވެފައިވަނީ ކޮންބައެއްކަމާއި، މިކަން ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.