އަންނަ ހަފްތާގެތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ފްލެޓްތަކާ ގުޅިގެން ހުށައެޅިފައިވާ މައްސަލަތަކާއި ޝަކުވާތައް ބަލައި، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ ފަރާތްތަކުގެ ލިސްޓް މިހާރު އެކުލަވާލަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތަށް ދިގު މުއްދަތެއް ހޭދަވަމުންދަނީ، ހުށައަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ގިނަ ދުވަސް ބޭނުންވާތީކަމަށް ވިދާޅުވިއެވެ.
"މި ހުރިހާ މަސައްކަތްތަކާއެކު އަންނަ ހަފްތާގައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ. އެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެބަ ކުރިއަށްގެންދޭ. ކުރިންވެސް ބުނިގޮތަށް އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދާނެ،" ވަޒީރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވަޒީރު މީގެކުރިން ވިދާޅުވެފައިވަނީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެތެރޭގައި ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވަމުންދިއުމާ ގުޅިގެން އާއްމުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ހުރިހާ މަސައްކަތްތަކެއް އެކުއެކީގައި ކުރިއަށްދާކަމަށާއި، ސަރުކާރުން ވަޢުދުވެފައިވާގޮތަށް މިމަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އިތުބާރު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.