މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި 1،101 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އެކްސިޑެންޓްތަކުގައި 61 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 1،107 އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓްތަކެވެ. އަދި މި އެކްސިޑެންޓްތަކުގެ ތެރެއިން 68 ޕަސެންޓް (745) ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވަނީ 32 ޕަސެންޓް (356) އެކްސިޑެންޓެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލޭގައި އެކަނި 911 އެކްސިޑެންޓް ހިނގާފައިވާއިރު، ސިނަމާލެ ބްރިޖާއި ހައިވޭގައި 190 އެކްސިޑެންޓް ހިނގާފައިވެއެވެ. އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ (215) އަދި މެއި (207) މަހުގައެވެ.
މަހުން މަހަށް ހިނގި އެކްސިޑެންޓްތައް:
• ޖެނުއަރީ: 151 އެކްސިޑެންޓް
• ފެބްރުއަރީ: 215 އެކްސިޑެންޓް
• މާރިޗު: 187 އެކްސިޑެންޓް
• އޭޕްރީލް: 161 އެކްސިޑެންޓް
• މެއި: 207 އެކްސިޑެންޓް
• ޖޫން: 180 އެކްސިޑެންޓް
މި ތަފާސްހިސާބުތަކުން ދައްކާގޮތުން، މާލޭގެ މަގުތަކުގައި އެވްރެޖްކޮށް ދުވާލަކު 6 އެކްސިޑެންޓް ހިނގާކަން ފާހަގަކުރެވެއެވެ.