މިދިޔަ ޖޫންމަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެހީގެ ގޮތުގައި 25 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ. މި މަޢުލޫމާތު ހާމަވެފައިވަނީ އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުންނެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ޖުމްލަ 25.8 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރެއިން ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާ ފަރާތްތަކަށް 8.1 މިލިޔަން ރުފިޔާ އަދި ރާއްޖޭގައި ފަރުވާ ހޯދާ ފަރާތްތަކަށް 17.7 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އެންސްޕާއިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ޖޫންމަހު ތަފާތު 22 ބާވަތެއްގެ ބަލިތަކަށް ޖުމްލަ 1،173 ކޭސްއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރެއިން އެންމެ ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކަށާއި ނާރުގެ ބަލިތަކަށެވެ.
އެންސްޕާގެ ރިޕޯޓުން އިތުރަށް ހާމަވާގޮތުގައި، ނޭވާލާ ނިޒާމުގެ ބަލިތަކަށް 112 ކޭސްއަށާއި، ނާރުގެ ބަލިތަކަށް 111 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެއިތުރުން، ކަށީގެ ބަލިތަކުގެ ފަރުވާއަށް 104 ކޭސްއަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމަކީ ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.