ކެންސަރު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ވަނީ ނިމިފަ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކެންސަރު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ވަނީ ނިމިފަ: ވަޒީރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޅުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލްގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ނިމިފައިކަމަށާއި، ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ ކެންސަރު ބަލި ތަޙައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދޭ މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ކަރުދާހުގެ ލެވެލްގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެ ނިމިފައި. މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށްވެސް ވަޒީރު އަލިއަޅުވާލެއްވިއެވެ. މިގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ކެންސަރަށް މަގުފަހިވާ ނޭދެވޭ އާދަތަކުން މުޖުތަމަޢު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް މި ހޮސްޕިޓަލް ޤާއިމުވުމުން ލިބިގެންދާނެ ފަސޭހަތަކާއި، އިތުރުވެގެންދާނެ ޚިދުމަތްތަކާ ބެހޭ އިތުރު މަޢުލޫމާތު އަދި ހާމަކުރައްވާފައެއް ނުވެއެވެ.

މިއަދު އޮންލައިން