އަންނަ މަހު ފަންނުވެރިނަށް ދޭން ނިންމާފައިވާ މާލީ އެހީތެރިކަން ދޭން ފެށޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ "އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވި ގޮތުގައި، ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ބޭނުންވާ އުސޫލުތައް މިހާރު ވަނީ އެކުލަވާލާފައެވެ. އަދި މި އުސޫލުތައް އެކުލަވާލުމުގައި ފަންނުވެރިންގެ ލަފަޔާއި ޚިޔާލު ހޯދާފައިވާ ކަމަށާއި، މިހާރު އެކަމުގެ ޤަވާއިދުތައް އެކުލަވާލަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިންނަށް އެކަމަށް ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. "މިހާރު އެހީ ދޭން މިނިސްޓްރީން ނިންމާފައި ވަނީ ޕޯޓަލެއް މެދުވެރިކޮށް. ޕޯޓަލް ހެދުމަށް ވަގުތުކޮޅެއް ނަގާނެ. އޭގަ ހުންނަ ބަގްސް އަޅުގަނޑުމެން ފިލުވަން ޖެހޭނެ. ޓެސްޓު ކުރަން ޖެހޭނެ. އެހެންނޫނީ އޮން ޓައިމްގައި އެހީ ފޯރުކޮށްދެވޭނެ. އަޅުގަނޑު ޔަޤީންކަން މިދެނީ އާޓިސްޓުންނަށް މި ދަންނަވާ އެހީތެރިކަން ފޯރުކޮށްދޭނަން،" ވަޒީރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ފަންނުވެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ނިންމުމެކެވެ.
މި އެހީތެރިކަމުގެ ސަބަބުން ދިވެހި ފަންނުވެރިންނަށް އިތުރު ހިތްވަރަކާއި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.