ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލައި، އެފަރާތްތަކަށް ޚާއްސަ މަރުކަޒަކުން ބޭސް ދޫކުރާ ގޮތަށް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލައި، އެފަރާތްތަކަށް ޚާއްސަ މަރުކަޒަކުން ބޭސް ދޫކުރާ ގޮތަށް ހަދަނީ

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، އެފަދަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި، އެކަމަށް ޚާއްސަ މަރުކަޒަކުން ބޭސް ދޫކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ބޭސްފަރުވާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޞިއްޙީ ދާއިރާއަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ކަމަށެވެ. އަދި މިހާރު ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

"ބައެއް ބޭހަކީ ޕްރިސްކްރިޕްޝަނަށް ނޫނީ ނުގެނެވޭ ބޭސްތައް. ދުރު ރާސްތާ ސިޔާސަތެއްގެ ގޮތުން މިހާރު އެންމެ މުހިންމުކަމެއްގެ ގޮތުގައި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ރަޖިސްޓްރީއެއް ބެލެހެއްޓުން،" ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައަށް ވަގުތީ ހައްލެއްގެ ގޮތުން، މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުން ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭސް ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި ނިޒާމުގެ ދަށުން، ބަލިމީހާ ޚިދުމަތް ހޯދާ ހޮސްޕިޓަލަކުން ބޭސް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން