ޢިބްރަތްތެރި ވާހަކަ: ކިރިޔާވެސް ތަނަވަސްކަމެއް ހުރިނަމަ ފިރިހެން ދަރިން ކައިވެނިކޮށްގެން ގެންނަ އަނބިމީހާ އަޅަކަށް ހަދަން މަސައްކަތްކުރާ މައިދައިތައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ޢިބްރަތްތެރި ވާހަކަ: ކިރިޔާވެސް ތަނަވަސްކަމެއް ހުރިނަމަ ފިރިހެން ދަރިން ކައިވެނިކޮށްގެން ގެންނަ އަނބިމީހާ އަޅަކަށް ހަދަން މަސައްކަތްކުރާ މައިދައިތައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

މަންމައާއި ބައްޕަ ދުނިޔެ ދޫކުރިއިރު ފިރިހެން ކުއްޖާގެ ޢުމުރަކީ އެންމެ 22 އަހަރެވެ. އަންހެން ކުއްޖާގެ ޢުމުރަކީ 19 އަހަރެވެ. ބައްޕަގެވެސް އަދި މަންމަގެވެސް އެންމެ ފަހުގެ ވަޞިއްޔަތަކީ ކޮއްކޮ ދޫކޮށްނުލައި ގެންގުޅުމެވެ. ކިޔަވައިދީ ރަނގަޅު ފިރިއަކު ހޯދައިދިނުމެވެ. އެހެންވެ ބޭބެ ދިއައީ އެ ވަޞިއްޔަތް ވީހައި ފުރިހަމަ ގޮތުގައި ފުރިހަމަކުރަން މަސައްކަތްކުރަމުންނެވެ. އެއިގެ އިތުރުން ކާމިޔާބު ބޭބެއަކަށްވުމަށްވެސް މަސައްކަތްކުރަމުންނެވެ. 

ބޭބެގެ ޢުމުރުން 30 އަހަރުވީއިރު އޭނާވަނީ ކާމިޔާބު މީހަކަށްވެފައެވެ. ބައްޕަގެ ފަރާތުން ވާރުތަވި ފިހާރަ ހިންގަމުން ގޮސް އިތުރު 2 ފިހާރަ ވަނީ ހުޅުވައިފައެވެ. ކައިވެނިނުކޮށް މަޑުކޮށްގެން ހުރީ ކޮއްކޮއަށް ރަނގަޅު ބައިވެރިއަކު ހޯދައިދިނުމަށްފަހު ކައިވެނިކުރަން ބޭނުންވާތީއެވެ.  

އެއްދުވަހަކު ދެބެއިން ކާންތިބެގެން ކޮއްކޮބުނީ ލޯބިވެރިއަކު ލިބިއްޖެކަމަށާއި އޭނާގެ މަންމައާއި ބއްދަލުކުރަން ގޮސްދިނުމަށެވެ. ބޭބެގެ ފުރަތަމަ ސުވާލަކަށްވެސްވީ ކޮއްކޮގެ މާލީ ޙަޤީޤަތް ކިޔައިދިނީހެއްޔެވެ؟ ކޮއްކޮ ބުނީ ކިޔައިނުދޭކަމަށެވެ. އެނގޭނީ ވަޒިފާއަދާކުރާކަން އެކަނި ކަމަށެވެ.  

ކޮއްކޮގެ އެދުމަށް އެރޭ އެގެއަށް ދިއައީ ވަރަށް އާދައިގެ ހެދުމެއްގައެވެ. ފައިވާނަކީވެސް އެންމެ އަގުހެޔޮ ރަބަރު ފައިވާނެކެވެ. މިކަންކަން ލޯބިވެރިޔާގެ މަންމައަކަށް ކަމަކު ނުދިއައެވެ. ބުންޏެވެ. "އަހުރެމެންނަކީ ތަނަވަސްބައެކެވެ. ގޭގައި މިހުރި ފިހާރައަކީ އަހުރެމެންގެ އަމިއްލަ ފިހާރައެކެވެ. ދަރިފުޅާއި ކައިވެނިކުރަން ބޭނުންވެގެން ވަރަށް ގިނަ ކުދިން އެބަތިއްބެވެ. އެއިގެ ތެރޭގައި ތަނަވަސް ކުދިންވެސް އެބަތިއްބެވެ. އެކަމަކުވެސް ކަލޭގެ ކޮއްކޮދެކެ ދަރިފުޅު ވަރަށް ލޯބިވާތީ ކައިވެނިކުރުވައިފާނަމެވެ. ނަމަވެސް ޝަރުޠެއްގެ މަތިންނެވެ. ކައިވެނިކުރުމަށްފަހަކު ވަޒިފާއަކަށް ނުދެވޭނެއެވެ. ގޭތެރޭގެ މަސައްކަތްކުރަން ގޭގައި އިންނާނީއެވެ. އަދި ފިހާރައިގައިވެސް މަސައްކަތްކުރަންވާނެއެވެ. އަހުރެން ކުރާ އެއްވެސް އަމުރަކާއި ދެކޮޅަށް ވާހަކައެއް ނުދެއްކޭނެއެވެ."  

ބޭބެ ބުންޏެވެ. "ތިއައިން އެއްވެސް ޝަރުޠެއް ޤަބޫލެއް ނުކުރަމެވެ. ތިއައުޅެނީ ދަރިފުޅަށް އަންތބަކު ހޯދައިދޭކަށް ނޫނެވެ. ގޭގެ ނޯކިރީކުރުވާނެ އަޅަކު ހޯދާށެވެ!" 

މަންމަ ބުންނެވެ. "ފަޤީރުންނަކީ ވަރަށް ބޮޑާ ބައެކެވެ. ޤަމާރުވެސް ބައެކެވެ. ލިބޭ ރަނގަޅު ފުރުޞަތުގެ ބޭނުންހިފާކަށްވެސް ނުއެނގޭނެއެވެ. އެނގޭނަމަ އަހުރެމެންފަދަ ތަނަވަސް ޢާއިލާއަކާއި ގުޅެން ފަސްޖެހޭނެ ހެއްޔެވެ؟ ލިބޭ ފުރުޞަތު ދޫކޮސްލާނެ ހެއްޔެވެ؟"  

ބޭބެ ޖަވާބު ނުދީ ފޯނުން މެސެޖެއް ކޮށްލިއެވެ. މެސެޖްކޮށްލިތަނާހެން މަންމަގެ ފޯނަށް މެސެޖެއް އައުމުން ކިޔައިލިއެވެ. "ދަރަންޏަށް މުދައިު ގެންދިއުމުގެ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކައި މަސްދުވަސްވެފައިވާ ބިލްތައް ގިނަވެ ހަތަރުލައްކައަށް އަރާފައި އޮތުމުން އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުވަތަ ރަހުނުކޮށްފައިވާ ފިހާރަ ހޯދަން މާދަމާ ކޯޓަށް ހުށަހަޅާނަމެވެ."  

މަންމަ މެސެޖް ކިޔުމުން ބޭބެ ބުންޏެވެ. "ތިއަހައި ތަނަވަށްއިރުވެސް އަހަރެމެން ދެބެއިންގެ ފިހާރައިގެ ބިލްތަކަށް ފައިސާ ނުދައްކާތީ ޙައިރާންވަމެވެ. ކޯޓަށް ދާން ނުޖެހޭނެ ގޮތަކަށް އަވަހަށް މައްސަލަ ޙައްލުކޮށްލާށެވެ! ކޮއްކޯއެވެ! އަވަހަށް ދަމާހިނގާށެވެ! މިއަންހެނާގެ ދަރިއަކާއި ކައިވެނިކުރުމަށްވުރެ މޮޔަކަމެއް އެއްވެސް އަނހެނަކަށް ނުކުރެވޭނެއެވެ." 

އެހެން ބުނެފައި ތެދުވެ ތެބެއިން އެކުގައި ހިނގައިގަތީމާ "ޙަޤީޤަތް އޮޅުވައިނުލިނަމަ މިހެނެއް ނުވީހޭ! ކައިވެނިކުރުން ކެންސަލް ނުކުރާށޭ! މަންމައަށްވުރެ ލޯބިން ގެންގުޅޭނަމޭ" ފަދަ ބަސްތައް މަންމަ ބުންޏެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދީ ދެބެއިން ނުކުމެގެންދިއައީއެވެ.  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައް ހިނގައިދިއަ ގޮތެވެ. ކިރިޔާވެސް ތަނަވަސްކަމެއް ހުރިނަމަ ފިރިހެން ދަރިން ކައިވެނިކޮށްގެން ގެންނަ އަންހެނުން އަޅަކަށް ހަދަން މަސައްކަތްކުރާ މައިދައިތައިންނަށް އެޒުވާނާ އެދިން ފިލާވަޅުގެ އަގުބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްބާކޮށްލީއެވެ. ދެން ފާހަގަކޮށްލަން ބޭނުންވަނީ ލޯބިވެވުނަސް ގުޅެން ނިންމުމުގެ ކުރިން ތިމާގެ އަމިއްލަ ޢާއިލާއާއި މަޝްވަރާކުރުމުން ކުރާފައިދާގެ ބޮޑުކަމެވެ.

 

- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން