މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރު 27 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިދާ ވެއްޖެއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
އެމްއެމްޕީއާރުސީގެ ހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރު ކުންފުންޏަށް 27،490،370 ރުފިޔާގެ ފައިދާއެއް ވެފައިވާއިރު، މީގެ ކުރީ އަހަރު ކުންފުންޏަށް 17،997،662 ރުފިޔާގެ ގެއްލުމެއް ވެފައިވެއެވެ. މި ކާމިޔާބީއަކީ ކުންފުނީގެ ހިންގުމަށް ގެނެވުނު ބޮޑެތި އިސްލާހުތަކުގެ ނަތީޖާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް 10 ޕަސެންޓަށް ދަށްކުރުން ހިމެނެއެވެ. މީގެ އިތުރުން، ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއް ހެދުމަށްފަހު، 21 އިދާރާއިން 6 އިދާރާއަށް ދަށްކޮށް، 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވެއެވެ.
އެމްއެމްޕީއާރުސީން ފާހަގަކުރާ ގޮތުގައި ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ 80 ޕަސެންޓާ ގާތްކުރާ އަދަދެއް ބޭނުންކުރަމުން ދިޔައީ ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 34 ޕަސެންޓަށް ދަށްކުރެވިފައެވެ.
އަހަރީ އާންމު ޖަލްސާގައި ކުންފުންޏަށް ލިބޭ ފައިދާ އިތުރުކުރުމަށާއި އިތުރު ސްޓްރެޓެޖިކް އިސްލާހުތަކެއް ގެނައުމަށް މަޝްވަރާކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މި ބަދަލުތަކާއެކު ކުރިއަށް އޮތް އަހަރުތަކުގައިވެސް ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.