ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަންފީޒްކުރުމަށް "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ނަމުގައި ޚާއްޞަ އޮފީހެއް ގާއިމްކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދެވެ.
މި ބިލުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމެވެ. މީގެ އިތުރުން، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމަކީވެސް މި ބިލުގެ މުހިންމު މަގްސަދެކެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އައު އޮފީހުން ހިމާޔަތްކޮށްދޭނެ ފިކުރީ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި، ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ. އަދި މި އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދަލާ ގުޅޭ ދަފްތަރެއް އެކުލަވާލުމާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކާއެކު ގުޅުން ބަދަހިކުރުން ހިމެނެއެވެ.
އޮފީހުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި މަގާމަށް މީހަކު އައްޔަންކުރާނީ އިގްތިސާދީ ވަޒީރެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި މަގާމަށް މީހަކު އައްޔަންކުރަންޖެހޭނެ ކަމަށާއި، ރަޖިސްޓްރަރގެ ދައުރަކީ ފަސް އަހަރު ދުވަސްކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ފާސްވެ ގާނޫނަކަށް ވުމުން، ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމްވެ، އުފެއްދުންތެރިކަމާއި އީޖާދީ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.