ގިރާވަރު ފަޅު ހިއްކުމުގެ އެއްބަސްވުން ބާތިލުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ގިރާވަރު ފަޅު ހިއްކުމުގެ އެއްބަސްވުން ބާތިލުކުރަން ނިންމައިފި

ގިރާވަރު ފަޅު ހިއްކުމަށް ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވީ ނަމަވެސް، މިހާތަނަށް ހިއްކާފައިވަނީ އެންމެ 60 ހެކްޓަރުގެ ބިމެވެ. އަދި މި މަސައްކަތަށް ކުރީގެ ސަރުކާރުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެފަހަރެއްގެ މަތިން 20 މިލިއަން ޑޮލަރު ދީފައިވާއިރު، އިތުރު 15 މިލިއަން ޑޮލަރުވެސް ދައްކާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ޙަޤީގަތުގައި ބެލިބެލުމުން އެތަނުގައި ހިއްކާފައި އޮތީ 20 މިލިޔަން ޑޮލަރަށް ވާވަރަށް. ގިރާވަރުގެ އެގްރީމަންޓް ހަދާފައި އޮތީ ކޮންޓްރެކްޓަރާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކިޔާ ސަރުކާރުގެ ކުންފުންޏަކާއެކު،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން އެއްބަސްވުން ހަދާފައިވަނީ ސަރުކާރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ގޮތަށެވެ. އެހެންކަމުން، މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިތުރު ބަދަލެއް ދޭންނުޖެހޭ ގޮތަށް އެއްބަސްވުން ބާޠިލްކުރެވޭނެ މަގެއް ހޯދުމަށެވެ. މި މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، މިހާތަނަށް ހައްލެއް ލިބިފައިނުވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ގިރާވަރު ފަޅުން ގޯތި ދޫކުރުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ގުޅީފަޅުން ގޯތި ދޭ އުސޫލުން ގިރާވަރު ރައްޔިތުންނަށްވެސް ވީހާވެސް އަވަހަކަށް ގޯތި ދޫކުރަން ޖެހޭކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ.

މިއަދު އޮންލައިން