10،000 ހައުސިން ޔުނިޓް އެޅުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މީގެ ތެރޭގައި ގުޅީފަޅުގައި އެޅުމަށް ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓު ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު މި މަޢުލޫމާތު ހާމަކުރެއްވީ "އަހާ" ފޯރަމްގައި، ހިޔާ ފްލެޓު ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިޔުން ދިނުމަށްފަހު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފްލެޓު އަތުލި ފަރާތްތަކަށް އަލުން ފްލެޓު ލިބޭނެ އިރަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވި ގޮތުގައި، ކުރީގައި ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދިނުމަށްފަހު ފްލެޓު ނުލިބުނު ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ނިންމާފައެވެ. އަދި މި ސަރުކާރުން ގެންދާ ފުރަތަމަ ހައުސިންގ މަޝްރޫޢުގެ ތެރެއިން މިފަދަ ފަރާތްތަކަށް ފްލެޓު ދޫކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.