މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކިންގް ސަލްމާނު މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ކުތުބުޚާނާއަށް އިސްލާމިކް ފައިނޭންސްގެ ފޮތްތަކާއި ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލާފައި މިވަނީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށެވެ.
ފޮތް ހަދިޔާކުރަން ޝައުގުވެރިވާ ފަރާތްތަކުން ހަދިޔާކުރަން ބޭނުންވާ ފޮތްތަކާ ބެހޭ މަޢުލޫމާތު [email protected] އަށް މެއިލް ކުރަންވާނެއެވެ. އަދި ފޮތް ހަދިޔާކުރުމުގެ އިންތިޒާމުތައް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ކިންގް ސަލްމާނު މިސްކިތުގެ އިސްލާމީ ކުތުބުޚާނާއަކީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގައި ގާއިމުކޮށްފައިވާ، އިސްލާމީ ޢިލްމު އުނގެނުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެކެވެ. މި ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލުމަކީ މުޖުތަމަޢުގެ ފަރާތުން މި ކުތުބުޚާނާ އިތުރަށް މުއްސަނދިކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެކެވެ.
މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 3020262 އަދި 3020263 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.