ހުޅުލޭގައި އުޅަނދު ޕާކްކުރާ އުސޫލަށް ވަގުތީ ގޮތުން ބަދަލު ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހުޅުލޭގައި އުޅަނދު ޕާކްކުރާ އުސޫލަށް ވަގުތީ ގޮތުން ބަދަލު ގެނެސްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ހުޅުލޭގައި އުޅަނދު ޕާކްކުރާ އުސޫލަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ހުޅުލޭގެ ހުޅަނގު ފަރާތުގެ ޕާކިން ޒޯނުގައި ބޭއްވުމަށް ހަމަޖެހިފައިވާތީއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިކަމާ ގުޅޭގޮތުން ހާމަކުރި މަޢުލޫމާތުގައި، ބުރާސްފަތި ދުވަހުން ފެށިގެން އިރުމަތީ ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދެއް ޕާކް ކުރުން މަނާކޮށްފައިވާ ކަމަށާއި، އެ ސަރަހައްދު ބޭނުންކުރެވޭނީ ހަމައެކަނި ސައިކަލު ޕާކްކުރުމަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

އިރުމަތީ ޕާކިން ޒޯނުގައި މިހާރު ޕާކްކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމަށް އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެމްއޭސީއެލްއިން އަންގާފައިވެއެވެ. އަދި އުޅަނދުތައް ނުނަގާ ހުރެއްޖެނަމަ ފުލުހުން މެދުވެރިކޮށް އެ އުޅަނދުތައް ނެގޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ހުޅަނގު ފަރާތު ޕާކިން ޒޯނާ ގުޅޭގޮތުން އެމްއޭސީއެލްއިން ހާމަކުރި މަޢުލޫމާތުގައި، ބުރާސްފަތި ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އެ ސަރަހައްދުގައި އެއްވެސް އެއްގަމު އުޅަނދެއް ޕާކްކުރުން މަނާކުރެވޭނެ ކަމަށާއި، ފުލުހުންގެ އެހީގައި އެ ސަރަހައްދުން އުޅަނދުތައް ނަގައި ހުސްކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މި ބަދަލުތަކާ ގުޅިގެން ޕާކިން ޒޯނުތަކުގައި އަލުން އުޅަނދު ޕާކްކުރެވޭނެ ތާރީޚެއް ފަހުން އިޢުލާންކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި މި ބަދަލުތަކާ ގުޅިގެން ޕާކިން ޒޯނުތައް ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

މިއަދު އޮންލައިން