2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ސަރުކާރުގެ ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ތަޢުލީމީ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ. އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ކަނޑައަޅާފައިވަނީ 15 ޖުލައިން ފެށިގެން 31 އޮގަސްޓްގެ ނިޔަލަށެވެ. މި މުއްދަތަކީ މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ހުށަހެޅުމުގެ މުއްދަތުވެސް މެއެވެ.
މީގެ އިތުރުން، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގެ ފުރުސަތުވެސް މި މުއްދަތުގެ ތެރޭގައި ހުޅުވާލެވިފައިވާކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ myoffice.moe.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އަލަށް ވައްދާފައެވެ. އަދި މުޅި ރާއްޖޭގެ ފެންވަރުގައި 5000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ގްރޭޑް 1 އަށް ވެއްދިފައެވެ.
ތަޢުލީމީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު ކުރިއަށްދާ ދިރާސީ އަހަރުގައި ސަރުކާރުގެ 217 ސްކޫލެއްގައި 84,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން ގެންދެއެވެ.