12 އަހަރުން ދަށުގެ 2 ފިރިހެންދަރިންނާއި އަންހެން ދަރިއަކު އެބަހުއްޓެވެ. ފިރިމީހާ ގާތުގައި އާދޭސްކުރާއިއރުވެސް 2 ފިރިހެންދަރިން ގޮވައިގެން މިސްކިތަކަށް ނުދެއެވެ. އެހެންވެ 2 ފިރިހެން ދަރިން ލައްވައި އަދިވެސް ނަމާދުކުރުވަން މިޖެހެނީ ހަމަ ގޭގައެވެ. އެއީ މިސްކިތަށް ހޭލުންތެރި ނުކުރުވައި އެކަނި މިސްކިތަށް ފޮނުވަން ބިރުގަންނާތީއެވެ. މިހެން މިވަނީ ފިރިމީހާ ނަމާދުނުކުރާތީއެވެ.
ވަރަށް ގިނަފަހަރު އާދޭސްކުރެވިއްޖެއެވެ. އާދޭސް ނުކުރެވޭ ދުވަހެއް ވަރަށް މަދުވާނެއެވެ. އިސްލާމް ދީނަށް ޢަމަލުކުރުމުގެ ޚިޔާލެއްވެސް ނެތެވެ. އެންމެ ކުޑަމިނުން ނަމާދެއްވެސް ނުކުރާތީ ވަރަށް ކަންބޮޑުވެއެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅުވާނެ ގޮތަކީ ކޮބައިތޯއެވެ؟
ކިޔުންތެރިޔާ ގާތު ބުނެލަން އޮތީ ނަމާދުކުރަން އިންކާރުކުރާ ފިރިއަކާއިއެކު އުޅެން ހުއްދައެއް ނުވާނެއެވެ. ދެން ބުނެލަން އޮތީ ދަރިން ލިބުމުން ދީނުގައިވާ މަގުން ތަރުބިއްޔަތުކުރުމުގެ ޒިންމާއަކީ ބައްޕަ އުފުލަން ޖެހޭ މަސްއޫލިއްޔަތެކެވެ. އެކަމުގައި ފޭލްވެއްޖެނަމަ އެމީހަކު އެވަނީ ބައްޕަގެ މަޤާމުން ފޭލްވެފައެވެ. ވީމާ އަވަހަށް ރަނގަޅު ދީނީ ޢިލްމުވެރިއެއްގެ އިރުޝާދު ހޯދާށެވެ!
ތިރީގައި އެވާ ލިޔުމުން ޢިބްރަތް ޙާޞިލްކުރާށެވެ! ވަކިވިޔަސް ބަނޑަކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
އަހަރެންގެ އުމުރަކީ މިހާރު 48 އަހަރެވެ. އަހަރެން ކައިވެނިކުރީ ވަރަށް ހަގު އުމުރުގައެވެ. ކައިވެންޏަށް ފިރިހެން ދަރިއަކާއި ދެއަންހެން ދަރިންނާއި އަދި އިތުރު 2 ފިރިހެން ދަރިން، ޖުމުލަ 5 ކުދިން ލިބުނެވެ. ދާދި ގާތްގާތުގައެވެ.
ފިރިމީހާ އަހަރެން ދޫކޮށްލާފައި ދިއައީ އެންމެ ހަގު ދަރިފުޅަށް 2 އަހަރުވެސް ނުފުރެނީހެވެ. އެދުވަހުން ފެށިގެން މިއަދާއިހަމައަށްވެސް ފިރިމީހާގެ ކިބައިން އެއްވެސް އެހީތެރިކަމެއް ލިބިފައެއް ނުވެއެވެ. ދަރިން ބަލައި ބޮޑުކުރަން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައެއް ނުވާނެއެވެ.
އަހަރެންނަކީ ރާއްޖެތެރޭ އަންހެނަކީމެވެ. އެކަނި ދިރިއުޅޭ އަންހެނަކީމެވެ. އެޒަމާނަކީ އެކަނިވެރި މައިންނަށް އެއްވެސް ޢިނާޔަތެއް ލިބުނު ޒަމާނެއް ނޫނެވެ. ދެން ދިރިއުޅެންޖެހޭނެ ޙާލު ނިކަން ވިސްނައިލަބަލާށެވެ. އެކަންކަމުގެ ވާހަކަ ދއްކާކަށް މިއަދަކު ނެތީމެވެ. އެކަންކަން ހަނދާންކުރާކަށްވެސް މިއަދު ބޭނުމެއް ނޫނެވެ.
ކޮންމެއަކަސް މިއަދު ދޮށީ ފިރިހެންދަރިފުޅު އެހުރީ ސަރުކާރުގެ އިސް މަޤާމެއްގައެވެ. ރާއްޖެއިން ބޭރުން ކިޔަވައި ތަމްރީނުލިބިގެންހުރި ޒުވާނެކެވެ. ދެއަންހެންދަރިން ތިބީ ކައިވެނިކޮށްގެންނެވެ. ގެންދަނީ ޤާރީ ކޯސް ފުރިހަމަކުރަމުންނެވެ. ހަގު ދެދަރިންގެ ތެރެއިން ދޮށީ ދަރިފުޅު ރާއްޖެއިން މާސްޓަރސް ފުރިހަމަކޮށްފިއެވެ. ވަޒީފާއެއް ލިބުމުގެ އިންތިޒާރުގައެވެ. އެންމެ ހަގު ދަރިފުޅު އަދި ކޮލެޖްގައެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުން އަހަރެން މިހުރީ އެންމެ މަތީދަރަޖައިގައި ޤާރީ ކޯހުގެ އެންމެ މަތީ ލެވެލެއިން ފާސްވެގެންނެވެ. މާމަދަރިންނަށް މިގެންދަނީ ކިޔަވައިދެމުންނެވެ.
މިއަދު ޢާއިލާއަށް މަދީ ހަމައެކަނި ދަރިންގެ ބައްޕައެވެ. އަހަރެންނަށް ފިރިއެކެވެ. ބުނަން ބޭނުންވި ވާހަކަ މިބުނަނީއެވެ. އަހަރެންގެ ފިރިމީހާ އަހަރެން ވަރިކުރިކަމީ އަހަރެންނަށްވެސް ދަރިންނަށްވެސް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެކެވެ. ނަމަވެސް މިއަދު އެކަމަށްޓަކައި އަހަރެން ފަޚުރުވެރިވަމެވެ. އެއީ ފިރިމީހާއަކީ ދީނަށް ލޯބިކުރާ މީހެއް ނޫނެވެ. އޭނާ އާއިއެކު ދިރިއުޅެމުން އައިނަމަ އަހަރެންނަށްވެސް ދަރިންނަށްވެސް ދީނީ ގޮތުން ކުރިއަށް ދިއުމުގެ ފުރުޞަތެއް ނުލިބުނީހެވެ. ވީމާ އެއިރު ދިރިއުޅެންޖެހުނު ދަތިޙާލަށްވުރެ މިއަދު ލިބިފައިވާ އުފާވެރިކަން މާބޮޑެވެ.
މިވާހަކަތައް ހިއްޞާކޮށްލަން ބޭނުންވީ މިއަދުނޫހުގައި "ރަޙްމަތާއިއެކު މެނުވީ ހިތްދަތިކަން، ދަތި އުނދަގޫ ޙާލަތެއް ކުރިމަތިނުވާނެކަން ޤުރްއާނުން - ޢަމަލުކުރަންވީ މަގު!" މިސުރުޚީގެދަށުން ޝާއިޢުކުރި ލިޔުން ފެނުމުން އެއީ ހަމަ ވަރަށް ތެދު ޙަޤީޤަތެއްކަން ބަޔާންކުރުމަށެވެ. އަދި ތަްްވާވެރިކަން ނެތް ފިރިއަކު ގެއްލުމަކީ ލިބޭ ކުރިއެރުމެއްކަން މިއަދުނޫހުގެ ކިޔުންތެރިންނަށް ބަޔާންކުރުމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް