އަންޑަގްރެޖުއޭޓް ޑީގްރީ ސަނަދުން ފެށިގެން ދަށުގެ ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކްލާސްތައް ބާއްވާގޮތަށް ތާވަލުތައް ހެދުން މުހިންމުކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ޕާޓް ޓައިމްކޮށް ކިޔެވުމާއި ފުލް ޓައިމްކޮށް ކިޔެވުމުގެ ވަގުތުތައް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ޕާޓް ޓައިމްކޮށް ކިޔަވާ ދަރިވަރެއްގެ ކޯހުގެ މުއްދަތު، ފުލް ޓައިމްކޮށް ކިޔަވާ ދަރިވަރެއްގެ ޕްރޮގްރާމެއްގެ ދެގުނައަށް ވާންޖެހޭނެކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އަމަލީ ގޮތުން ފުލް ޓައިމްކޮށް ކިޔަވާ ދަރިވަރުންނާއި ޕާޓް ޓައިމްކޮށް ކިޔަވާ ދަރިވަރުންގެ ޕްރޮގްރާމުތަކުގައި އެއްވެސް ތަފާތެއް ފެންނަން ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހުރި މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ނުހޯދިއްޖެނަމަ ރާއްޖެއާއި، ރާއްޖެއިން ބޭރުގައިވެސް މި ސަނަދުތަކުގެ އިތުބާރު ގެއްލިގެންދާނެކަމުގެ ނުރައްކާއޮތްކަމަށް ފެނޭ،" ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ކިޔަވައިދިނުމުގެ ޕްރޮގްރާމުތަކުގެ ތާވަލުތައް އަލުން މުރާޖަޢާކޮށް، ފުލް ޓައިމްކޮށް މަސައްކަތްކުރާ ދަރިވަރުންނަށް ކިޔެވުމުގައި ލުއިފަސޭހަ ގޮތްތައް އިޚްތިޔާރު ކުރެވޭނެ ގޮތްތަކުގެ އިތުރުން، އެފަދަ ފަރާތްތަކަށް ޕާޓް ޓައިމްކޮށްވެސް ކިޔެވޭނެ މަގު ތަނަވަސްވާނެ ގޮތަށް ތާވަލުތަކަށް ބަދަލުގެންނަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.