ދަރިންނަށް ސާބިތު ޚަރަދު ނުދޭ މީހުންގެ މައުލޫމާތު ފޮޓޯއާއެކު އާންމުކުރުމުގެ މަސައްކަތް ކޯޓުތަކުން ފަށައިފިއެވެ. މިގޮތުން މިއަދު ފެމިލީ ކޯޓުން ވަނީ ދަރިއަކަށް ޚަރަދު ނުކުރުމުގެ މައްސަލައެއްގައި އެއް ފަރާތެއްގެ ވަނަވަރު އާންމުކޮށްފައެވެ.
ޢާއިލާއާ ބެހޭ ޤަވާޢިދުގެ ދަށުން، ކޯޓު ހުކުމާ އެއްގޮތަށް ދަރިންނަށް ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަކީ ހުއްދަ ކަމެކެވެ. މި ފިޔަވަޅަކީ ދަރިންނަށް ޚަރަދު ނުދޭ މައިންބަފައިންނާ މެދު އަޅާ އަމަލީ ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
މި ޤަވާޢިދުގެ ދަށުން ދަރިންނަށް ޚަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ފެށީ މިދިޔަ ޖެނުއަރީ މަހުއެވެ. އެގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ އެފަދަ ބައެއް ފަރާތްތަކުގެ ވަނަވަރު މީގެކުރިން އާންމުކޮށްފައެވެ.
ފެމިލީ ކޯޓުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ފަރާތަކީ ދަރިފުޅުގެ ޚަރަދަށް ފައިސާ ނުދެއްކުމުގެ ސަބަބުން ކޯޓުން ހުކުމްކުރުމުންވެސް، އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތެއްކަމަށް ކޯޓުން މައުލޫމާތު ދެއެވެ.
މި ފިޔަވަޅުގެ ސަބަބުން ދަރިންނަށް ޚަރަދު ނުދޭ ފަރާތްތަކަށް ބާރުއެޅި، ދަރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.