ފުލުހުންގެ އެފްސީޕީގެ ޚިދުމަތް އައު އިމާރާތަކަށް ބަދަލުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ފުލުހުންގެ އެފްސީޕީގެ ޚިދުމަތް އައު އިމާރާތަކަށް ބަދަލުކުރަން ނިންމައިފި

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ޚިދުމަތް، މާފަންނު ޓީޖެޓީ ކުރިމަތިން ހަދަމުންދާ އައު އިމާރާތަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މި އިމާރާތުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރާއި، ފުލުހުންގެ އިސް ފަރާތްތަކުން ވަނީ ބައްލަވާލައްވާފައެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު އެފްސީޕީގެ ޚިދުމަތް ފޯރުކޮށްދެމުންދާ އިމާރާތަކީ ޖާގައިގެ ގޮތުން ވަރަށް ބޮޑަށް ދަތިވެފައިވާ އިމާރާތެކެވެ. މި ދަތިކަމުގެ ސަބަބުން ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

ފުލުހުންގެ ޚިދުމަތުން "މިވަގުތު އެފްސީޕީން ބަލަމުންދާ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ހިމެނޭ، އަނިޔާ ލިބޭ ފަރާތްތަކާއި ތުހުމަތުކުރެވޭ ފަރާތްތައް، އެއް ތަނެއްގައި ބައިތިއްބަންޖެހުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވޭ" ކަމަށް ފާހަގަކުރައްވާފައިވެއެވެ.

އައު އިމާރާތަށް ބަދަލުވުމުން މި ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން އުންމީދުކުރައްވައެވެ. އިތުރު ޖާގަ ލިބުމާއެކު، މައްސަލަތައް ބެލުމުގައި ގިނަ ލުއިފަސޭހަތަކެއް ލިބި، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން