ދިވެހި ސިއްޙީ ދާއިރާއަށް 47 އަހަރު ވަންދެން މެދުކެނޑުމެއްނެތި ޚިދުމަތް ކުރެއްވި އަބްދުލްކަރީމް އާދަމް މިއަދު އަވަހާރަވެއްޖެއެވެ.
އަބްދުލްކަރީމް އާދަމް ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1961 ވަނަ އަހަރުގެ ޖޫން 18 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ ސިއްޙަތާބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓްގެ މަޤާމެވެ. އޭނާގެ މަސައްކަތުގެ ދާއިރާގައި ލޭ ނެގުމުގެ މަސައްކަތް ހިމެނެއެވެ. އަބްދުލްކަރީމް ވަޒީފާއިން ރިޓަޔަރ ކުރެއްވީ 2009 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހު، އުމުރުފުޅުން 65 އަހަރު ފުރިވަޑައިގެންނެވުމުންނެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައެވެ.
ސިއްޙީ ދާއިރާގައި މަސައްކަތް ފެއްޓެވުމުގެ ކުރިން، ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމަކުން ދެއްވި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ފަހުން އިންޑިއާ އަދި ތައިލެންޑުން އިތުރު ތަމްރީނުތައް ހާސިލުކުރެއްވިއެވެ.
އަބްދުލްކަރީމްގެ ޚިދުމަތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ ބަލިމީހުންނަށް ގޭގެއަށް ޒިޔާރަތްކޮށް ފަރުވާދެއްވުމާއި، ކުދިން ޚިތާނުކުރެއްވުމާއި، މާލޭގެ ފެންވަޅުތައް ކްލޮރިނޭޓްކުރުމާއި، ބޯފެން ޓެސްޓުކުރުމާއި، ކޮލެރާ ފެތުރުނު ދުވަސްވަރު ވެކްސިން ދިނުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ހޮޓާ ރެސްޓޯރަންޓްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.
އަބްދުލްކަރީމްގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، 2023 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ޚާއްސަ އިނާމު ސަރުކާރުން ވަނީ އެމަނިކުފާނަށް އެރުވާފައެވެ.
މަރުޙޫމްގެ ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރެވޭނެއެވެ.
