ރޯގާތައް މިހާ ގިނަވަމުން އަންނައިރު ސަލާމަތްވެ ހުންނަން ނިކަން މިކަންކަން ކޮށްބަލަ! މިތަކެތި ކައިހަދާބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 10ސ
ރޯގާތައް މިހާ ގިނަވަމުން އަންނައިރު ސަލާމަތްވެ ހުންނަން ނިކަން މިކަންކަން ކޮށްބަލަ! މިތަކެތި ކައިހަދާބަލަ!

އާންމު ގޮތެއްގައި ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ޖޫން/ޖުލައިއަކީ އަޅުގަނޑުމެންގެ ގައުމުގައި އިންތިހާއަށް ރޯގާތައް ފެތުރޭ ދުވަސް ވަރެކެވެ. މި ދުވަސްވަރަކީ ވިއްސާރަކޮށް އުޅޭ ދުވަސްވަރެއްކަމުންވެސް ވެދާނެއެވެ. މަދަރުސާތަކުގެ ޗުއްޓީއާއި މިދުވަސްވަރާއި ދިމާވާތީ ކުދިން ގޮވައިގެން އެކި ރަށްރަށަށްދާ ބެލެނިވެރިން މިކަމާ ސަމާލުވާން ޖެހެއެވެ. މި ލިޔުމުގައި ރޯގާ ޖެހުމުގެ ކުރިން ރޯގާއިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ބުނެލަދެވޭތޯ މަސައްކަތްކޮށްލާނަމެވެ. 

ރޯގާ ފެތުރެނީ ކިހިނެތް؟ 

ރޯގާއިން ރައްކާތެރިވުމަށްޓަކައި  ރޯގާ ފެތުރެނީ ކިހިނެތްތޯ އެނގުން ކޮންމެ މީހަކަށްވެސް މުހިއްމުވާނެއެވެ. އާންމު ގޮތެއްގައި ރޯގާ ފެތުރެނީ ރޯގާ ޖެހިފައިވާ މީހެއް ކެއްސާއިރު، ވާހަކަދައްކާއިރު ނުވަތަ ކިނބިހި އަޅާއިރު އަނގައިން ބޭރުވާ ކުޅުގެ ޒަރިއްޔާއިންނެވެ. އެހެން މީހެއްގެ ހަށިގަނޑު ތެރެއަށް ކުޅުގައި ހިމެނޭ ޖަރާސީމުތައް ވަނުމުގެ ސަބަބުންނެވެ. 

ޖަރާސީމު ހަށިގަނޑު ތެރެއަށް ވަނުމަށްފަހު ދެން ވަނީ ކިހިނެތް؟ 

ރޯގާ ޖައްސާ ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު، ރޯގާގެ އަލާމާތްތައް ފެންނަށްފަށަން އެއް ދުވަހާއި ތިން ދުވަހުގެ މުއްދަތެއް ހޭދަވެއެވެ. ނޭފަތަށާއި، ކަރަށާއި އަދި ފުއްޕާމެޔަށް މި ޖަރާސީމު ހަމަލާދޭންފަށައެވެ. ރޯގާގެ އާންމު އަލާމާތް ތަކުގެ ތެރޭގައި ހުންއައުމާއި، ކެއްސުމާއި އަދި ނޭފަތުން ފެންފޭބުން ހިމެނެއެވެ. 

ރޯގާ ޖެހުމުގެ ކުރިން ރައްކާތެރިވާން ކުރަންވީ ކޮންކަމެއް؟ 

ރޯގާ ޖެހުމުގެ ކުރިން ރޯގާއިން ރައްކާތެރިވުމަށްޓަކައި އަހަރަމެންގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަން އެބަޖެހެއެވެ. ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އަހަރަމެން ދިރިއުޅުމުގެ ބައެއް ވައްޓަފާޅިއާއި އާދަތައް ބަދަލުކުރަން ޖެހެއެވެ. 

ބަދަލުކުރަންވީ ކޮންކަންތައްތަކެއް؟ 

ރޯގާއިން ރައްކާތެރިވުމަށްޓަކައި ތިމާގެ އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދޭން ޖެހޭނެއެވެ. އެގޮތުން ކެއުމުގެކުރިން އަތް ދޮންނަށް އާދަކުރާށެވެ. އެހެނީ ރޯގާ ޖެހިފައިވާ މީހެއްގެ ފަރާތުން ތިމާގެ އަތަށް ފޯރާފައިވާ ޖަރާސީމުތައް ހަށިގަނޑުގެ ތެރެއަށް ފޯރާފާނެތީއެވެ. ބޭރު ތެރެއަށް ނިކުމެ އުޅޭއިރު ހާއްސަކޮށް ރޯގާ ގިނަ ދުވަސްވަރު އަނގައާއި ނޭފަތާއި ނިވާވާނެހެން މާސްކެއް ނުވަތަ އެފަދަ އެހެން އެއްޗެއް ބޭނުންކޮށްލުން އެދެވިގެންވެއެވެ. 

ކެއްސާ ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ބަންދުކޮށްލާށެވެ. ވިއްސާރަވެހުމުގެ ސަބަބުން ގޯތިތެރޭގައި ފެން ހެދިފައި ހުރިތޯބަލައި ޗެކް ކޮށްލާށެވެ. ފެން ހެދިފައިވާނަމަ އެތަންތަނުން ފެން އުކާލައި ފެން ހަރުނުލާނެ ގޮތަކަށް ބަދަލުކޮށްލާށެވެ. އެހެނީ ފެން ހެދިފައިވާ ތަންތަނުގައި މަދިރި އާލާވުމުގެ ފުރުސަތު ބޮޑެވެ. މިކަންތައްތަކަކީ މާބޮޑު މަސައްކަތަކާއި ނުލައި ހަމަ ކޮންމެ މީހަކަށްވެސް ކޮންލެވޭނެ ކަންތައްތަކެކެވެ. ކުޑަ ކަމަކަކުން ތިމާއާއި ތިމާ ލޯބިވާ މީހުން ރޯގާ ޖެހުމުން ރައްކާތެރި ކުރުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. 

ކެއުމުގައި ހިމަނަންވީ ކޮންއެއްޗެއް؟ 

ބައެއް ކަހަލަ ކާއެއްޗައްސަކީ އެއެއްޗެއްހި ކެއުމުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެހި ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ. އޭގެ ތެރެއިން ބައެއް އެއްޗެހި މިލުމުގައި ހިމަނާލަން މަސައްކަތް ކޮށްލާނަމެވެ. 

ލޮނުމެދު: 

ލޮނުމެދަކީ ވަރަށް ކުރިއްސުރެން އެކިކަހަލަ ބަލިތަކާއި ދެކޮޅަށް ބޭނުން ކުރި އެއްޗެކެވެ. ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ރޯގާގެ މޫސުމުގައި ދުވާލަކު އެއްފަހަރު ލޮނުމެދު ބޭނުންކުރި މީހުންނަށް ރޯގާ ޖެހުނީ ވަރަށް މަދުންނެވެ. ލޮނުމެދު ބޭނުން ކުރެވުނު މުއްދަތުގައި މިމީހުން ބަލިވިޔަސް ވަރަށް އަވަހަށް ރަނގަޅުވާކަމަށް މިދާރާސަގައި ބުނެފައިވެއެވެ. 

ކިވީ މޭވާ: 

ކިވީ އަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އޭގެ އިތުރުން ވިޓަމިން އީ ވެސް މި މެވާއިން ލިއްބައިދެއެވެ. ވިޓަމިން އީ އަކީ ޕެތޮޖެނިކް އިންފެކްޝަންތަކުން ( ޖަރާސީމު) ހަށިގަނޑު ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން އީ އުފައްދާ ހަތަރު ޓޮކޯފެރޯލްގެ( ވިޓަމިން އީ ގައި އެކުލެވޭ ބާވަތެއް) ތެރެއިން އެއް ޓޮކޯފެރޯލް ކަމަށްވާ އަލްފާ-ޓޮކޯފެރޯލް ( ވިޓަމިން އީ ގައި އެކުލެވޭ ބާވަތެއް) އަކީ އިންސާނުންގެ ދިފާއީ ސެލްތަކުގެ މޮލިކިއުލްތަކާއި އެންޒައިމްތަކަށް ފައިދާކޮށް، ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާ ދެކޮޅަށް ދިފާއީ ބާރު އިތުރުކޮށްދޭ އެއްޗެކެވެ. 

ކައްޓަލަ: 

ގިނަ މީހުންނަށް ކައްޓަލަ އެނގެނީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ އިތުރުންވެސް ހަށިގަނޑަށް އެކި ފައިދާތައް މީގެން ލިއްބައިދެއެވެ. ކައްޓަލައަލީ ބީޓާ ކެރޮޓީން( މޭވާ ތަރުކާރީފަދަ އެއްޗެއްސަށް އޭގެ ކުލަ ގެނެސްދޭ ބާވަތް)  އެކުލެވިގެންވާ އެއްޗެކެވެ. ކައްޓަލައަށް އަރާ އޮރެންޖު ކުލައިގެ އަސްލަކީ މީއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ޓީ ސެލްގެ ( ވައިޓް ބްލަޑް ސެލްގެ ބާވަތެއް)  މަސައްކަތް އިތުރުކޮށްދެއެވެ. އޭގެ ނަތިޖާއެއްގެ ގޮތުން ހަށިގަނޑުން އަވަހަށް އިންފެކްޝަންތައް (ޖަރާސީމުތައް) ދުރުކޮށްދެއެވެ. 

ބަރަބޯ އޮށް:  

ބަރަބޯ އޮށަކީ އޭގައި ގިނަ އަދަދަކަށް ޒިންކް އެކުލެވޭ އޮށެކެވެ. ޒިންކް އަކީ ރޯގާގެ މުއްދަތު ކުޑަކޮށްދީ ދިފާއީ ބާރު ރަނގަޅުކޮށްދޭ މިނަރަލް އެކެވެ. ބަރަބޯ އޮށަކީ އެންޓިއޮކްސިޑެންޓް ( ސެލްތައް ހަލާކުވުމުން ދުރުކޮށްދޭކަމަށް ބުނެވޭ އެއްޗެއް) ބާވަތް ހިމެނޭ އެއްޗެކެވެ. ބަރަބޯ އޮށުގައި ގިނަ އަދަދަކަށް މެގްނީޝިއަމް އަދި ވިޓަމިން އީ ހިމެނެއެވެ. މީގެ އިތުރުން ބަރަބޯ އޮށުގެ އެއް އައުންސުގައި  5 ގްރާމް ޕްރޮޓީން ހިމެނެއެވެ. 

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ. 

- އުންމު ނަވާރު 

މަސްދަރު

Khartdavis (2019) 10 foods that fight flus and colds, Bodybuilding.com. Available at: https://www.bodybuilding.com/fun/10-foods-that-fight-flus-and-colds.html.

LAURENA, A. (2022) QC Libros Quezon City Library Repository Online System, Quezon City Public Library: QC Ordinance. Available at: http://libros.quezoncitypubliclibrary.org:8080/jspui/handle/123456789/2.

Vivian Goldschmidt, M. (2018) Protect yourself from the flu with these 7 foundation foods, Save Our Bones. Available at: https://saveourbones.com/protect-yourself-from-the-flu-with-these-7-foundation-foods/.

މިއަދު އޮންލައިން