ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ މަސައްކަތުން ވަޒީފާގެ ކުރިއެރުން ލިބޭއިރަށް އަނބިމީހާ ބާކީކޮށްލުން އެއީ އަނބިމީހާއަށް ލެއްވެވި ބޮޑު ރަހްމަތަކަށްވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ މަސައްކަތުން ވަޒީފާގެ ކުރިއެރުން ލިބޭއިރަށް އަނބިމީހާ ބާކީކޮށްލުން އެއީ އަނބިމީހާއަށް ލެއްވެވި ބޮޑު ރަހްމަތަކަށްވި އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ ފިރިމީހާއަކީ ކުންފުންޏެއްގައި ރަނގަޅު ވަޒީފާއެއް އަދާކުރަމުން އައި މީހެކެވެ. ފިރިމިހާއަކީ ތަޢުލީމީ ގޮތުން މައްޗަށް ކިޔަވައިގެން ހުރި މީހެއް ނޫން ނަމަވެސް ވަޒީފާ ލިބުނީ ނުފޫޒު ގަދަ ފަރާތެއްގެ އެހީތެރިކަމުގައެވެ.  

އެހެންވެ އޭނާއަށް ރަނގަޅު ގޮތެއްވުމަށް އެދިގެން އޭނާއަށް ކުރަންޖެހޭ ބައެއް މަސައްކަތް ގޭގައި އިނދެގެން ކޮށްދޭން ފެށީމެވެ. އެކަމުގެ ސަބަބުން އޭނާއަށް އިތުރުކުރިއެރުންވެސް ލިބުނެވެ. ނަމަވެސް އެކަންވެގެން ދިއައީ ދެމީހުން ވަކިވާން ޖެހުނު ސަބަބަށެވެ. ލޯބިވެރިއަކު ހޯދައި އަޅުގަނޑު ދޫކޮށްލީއެވެ.  

ވަރަށް ނިކަމެތި ޙާލުގައި 2 ކުދިން ގޮވައިގެން އުޅެމުން ދަނިކޮށް އެއްދުވަހަކު ފިރިމީހާ އައިސް އެދުނީ އޭނާ އާއި އޮފީހުން ޙަވާލުކުރަން ޙަވާލުކުރި މަސައްކަތެއް ކޮށްދިނުމަށެވެ. އުފަލުންހުރެ އެކަން ޤަބޫލުކުރީމެވެ. އެމަސައްކަތްވެސް ކޮށްދިނީމެވެ.  

ނަމަވެސް ނަފްސް އެދުނީ ބަދަލު ހިފުމަށެވެ. އެހެންވެ ޕްރޮޖެކްޓް ހުށަހެޅުމުން ކުންފުނީގެ އިސްވެރިއަކަށް ގުޅާފައި ކަމުގެ ޙަޤީޤަތް ކިޔައިދިނީމެވެ. އޭނާއަށް ކުރިއެރުން ލިބުނު ގޮތާއި ކުރިއެރުން ލިބުމުން ކަންތައް ކުރި ގޮތްވެސް ކިޔައިދިނީމެވެ. އޭނާ އެދުނީ އަނެއް ދުވަހު ހަވީރު 4 ޖަހާއިރު އޮފީހަށް ގޮސްދިނުމަށެވެ.  

ދިއުމުން ސެކެޓްރީއަކު ގެންގޮސް ވެއްދީ މީޓިންގ ރޫމަށެވެ. އެތަނުގައި ވެރިންނާއި ބައެއް މުވައްޒިފުންވެސް ތިއްބެވެ. އަޅުގަނޑަށް ދެއްކި ގޮނޑީގައި އިށިންތަނާ އަޅުގަނޑު ވާހަކަދެއްކި މީހާ ފައިލެއް ދީފައި ބުނީ ޕްރޮޖެކްޓް ތަފްޞީލްކޮސްދިނުމަށެވެ. އެއީ އަޅުގަނޑު ކުރި މަސައްކަތަކަށްވުމުން ވަރަށް ފަސޭހަކަމާއިއެކު ތަފްޞީލުކޮށްދިނީމެވެ.  

ފިރިމީހާއަށް ސުވާލުކުރިއެވެ. "މިއީ ކަލޭކުރި މަސައްކަތެއްކަމަށް ބުނެ ރިޕޯޓް ހުށަހެޅީ ކީއްވެގެން ހެއްޔެވެ؟ ކަލޭ ކުރި މަސައްކަތެއް ނަމަ މީނާއަށް މިހާ ފުރިހަމައަށް ތަފްޞީލުކޮށްދެވުނީ ކީއްވެގެން ހެއްޔެވެ؟" ދޭނެ ޖަވާބެއް ފިރިމީހާއަކަށް ނުއެނގުނެވެ.  

އަޅުގަނޑަށް ބުނީ ރަނގަޅު ވަޒީފާއެއް ދޭނެ ކަމަށާއި އަނެއްދުވަހު އޮފީހަށް ނުކުތުމަށެވެ. އޮފީހަށް ދިއުމުން އަޅުގަނޑާއި ޙަވާލުކުރީ ފިރިމީހާ އަދާކުރަމުން އައި ވަޒީފާއެވެ. ފިރިމީހާ ބަދަލުކުރީ އާދައިގެ ވަޒީފާއަކަށް އެހެން ޑިޕާޓްމަންޓަކަށެވެ.  

މިހެއްހައި ދުވަސްފަހުން ފިރިމީހާ އަޅުގަނޑާއި ބައްދަލުކޮށްފައި މާފަށް އެދުނެވެ. އަލުން ކައިވެނިކޮށް އެކުގައި އުޅެން ބޭނުންވާކަމަށް ބުންޏެވެ. ޖަވާބަކަށް އަޅުގަނޑު ދިއްކޮށްލީ ޖެހިގެން އަންނަ ހުކުރު ދުވަހު ކުރަން ކުރަން ހަމަޖެހިފައި އޮތް އަޅުގަނޑުގެ ކައިވެނީގެ ދަޢުވަތު ކާޑެކެވެ. ކާކާއި ކަމަށްތޯއެވެ؟ ކުންފުންޏަށް އަޅުގަނޑަށް ދަޢުވަތު ދިން ކުންފުނީގެ ޑިރެކްޓަރާއެވެ. ކާޑުބަލައިލާފައި އިސްދަށަށް ޖަހައިގެންހުރެ ހިނގައިގަތްއިރު ލޮލުން ފެންއައިސްފައިހުރިކަން އެނގުނެވެ. އަޅުގަނޑުވެސް އިތުރަށް ބަހެއް ނުބުނަމެވެ. 

ކައިވެންޏަށް އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. ނަމަވެސް އުޅެމުން މިދަނީ ވަރަށް ލޯބިންނެވެ. އޮފީހުގައި މަސައްކަތްކުރަނީވެސް ގޭގައި އުޅެނީވެސް އަދި ބޭރަށް ގޮސްއުޅެނީވެސް އެކުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ކޮންމެ މިފަދަ ކަމަކުންވެސް ޙާޞިލުކުރަންޖެހޭނެ ޢިބްރަތްތަކެއް އޮންނާނެއެވެ. ވިސްނައިލުމުން އެނގޭނެއެވެ. ތިމާއަށް މޮޅު ގޮތެއް މެދުވެރިވާއިރަށް އެކަން ތިމާއަށް ޙާޞިލުކުރެވުނު ސަބަބަށް ވިސްނައިނުލާ މީހުންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް    

މިއަދު އޮންލައިން