ކަރީމްބެގެ އަވަހާރަވުމުގެ އާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަރީމްބެގެ އަވަހާރަވުމުގެ އާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

47 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި، އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިޔާ، ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމާ ގުޅިގެން، އެ މަރުޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ކަރީމްބެ އަވަހާރަވުމުގެ ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް މި ގެއްލުނީ، އެ ދާއިރާއަށް މި ވޭތުވި ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު، އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ.

މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި މަރުޙޫމް ކަރީމްބެއަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރި ބޭފުޅެކެވެ.

ރައީސް މުޢިއްޒު އެ މަރުޙޫމަށް ކުރެއްވި ދުޢާގައި، "މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަބްދުލްކަރީމް އާދަމް ލެހެއްޓެވުން" އެދިވަޑައިގެންނެވިއެވެ.

މަރުޙޫމް ކަރީމްބެއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަދި އެތައް ޖީލެއްގެ ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވައި، ޞިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

މިއަދު އޮންލައިން