ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާބެހޭ މަޢުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ޤާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އާއްމުކޮށްފިއެވެ.
އެޗްޑީސީން މިކަން ކުރަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. މި ގޮތުން މާރިޗު 2025 އިން ފެށިގެން އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަޕްޑޭޓްކުރަމުން ގެންދާނެއެވެ.
"މިއީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، ކުންފުނީގެ މާލީ ޤާބިލުކަން އިތުރުކޮށް ކުންފުނިން އާއްމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެއް،" އެޗްޑީސީން މިކަން ސިފަކޮށްފައިވަނީ މިފަދައިންނެވެ.
މި ބަދަލާއެކު، އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންނަށް އެއްވެސް މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން، ނުވަތަ ރީސްޓްރަކްޗަރ ކުރުމުގެ ކުރިން، އެ ފަރާތްތަކުގެ ކްރެޑިޓް ރެކޯޑު ބަލައި އިވެލުއޭޓް ކުރެވޭނެއެވެ.
އެހެންކަމުން، އެޗްޑީސީން ވަނީ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުން މިކަމަށް ސަމާލުވެ، ޤަވާއިދުން ފައިސާ ދެއްކުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. މި ބަދަލުތަކަކީ ދެފުށްފެންނަ ގޮތެއްގައި ކުންފުނީގެ ކަންކަން ބައްޓަންކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.