ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް ބޭރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިފްކޯއާއި އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން މިފްކޯއާއި ޕްރިންސަސް ގްރޫޕާ ދެމެދު ދިގު މުއްދަތަކަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށް ގެންދާނެ ކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ. އަދި ކަނޑައެޅޭ ވަކި މިންގަނޑަކަށް، ފިނުކުރި ކަނޑުމަހާއި ފެލިވަރުގައި ބަންދުކުރާ ދަޅުމަހުގެ ބާވަތްތައް ޕްރިންސަސް ގްރޫޕުން ގަންނާނެއެވެ.
މި އެއްބަސްވުމުގެ ދަށުން މަސް ގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް މިފްކޯއިން ފާހަގަކުރެއެވެ.
މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރު އެވެ. އަދި ޕްރިންސަސް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕްގެ ޗީފް ޕަރޗޭސިންގ އޮފިސަރ ނީލް ބޮހަނަމް އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި ބޭރުގެ މާކެޓްތަކަށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މަހުން އުފައްދާ ބާވަތްތަކުގެ މިންވަރު 3 ގުނަ އިތުރުކުރުމެވެ.