ކުށުގެ ވެއްޓަށް ވަދެފައިވާ ކުއްޖަކަށް ދެވަނަ ފުރުޞަތެއް ދިނުމަކީ، އެ ކުއްޖާގެ އަތުގައި ހިފައި، ހެޔޮ މަގަށް އަނބުރާ ގެނައުމާއެއްފަދަ ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްނަންގަވައިގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ކުށުގެ ވެއްޓަށް ވަދެފައިވާ ކުއްޖަކަށް ދެވަނަ ފުރުޞަތެއް ދިނުމުން އެ ކުއްޖާއަށާއި އޭނާގެ ޢާއިލާއަށް އައު އުއްމީދެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ މި ނިޒާމުގެ އަސްލު މަޤްޞަދުކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބު ގިނަ އަޅުގަނޑުމެންގެ އަތުން ނެއްޓިގެންދާ ކަންކަމަށް ވުރެ. އެހެންނަމަވެސް އެންމެ ކުއްޖެއްވެސް އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން ކެޕްޗަރ ނުކުރެވި، ނުވަތަ އެކަމަށް އެންމެ އެދޭވޭ ހައްލު ނުދެވި، ނުވަތަ އެކުއްޖާއަށް ދޭންޖެހޭ އުންމީދު ނުދެވި، ނުވަތަ ފުރުސަތު ހޯދާނުދެވިއްޖެނަމަ އެއީ އަޅުގަނޑެމެން ކަންބޮޑުވާންޖެހޭ ކަމެއް،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ދަސްވި ކަންކަން ޢަމަލީ މައިދާނުގައި ބޭނުންކޮށް، މި ނިޒާމުގައި ހުރި ހުސްކަންތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން މުހިންމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި މި ނިޒާމުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އަމާޒު ހިފުމާއެކު، ގަދައަޅައި މަސައްކަތްކުރަން ވާނެކަމަށްވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ.