"ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ އައު ޤައުމީ ބްރޭންޑެއް ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
"ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ އައު ޤައުމީ ބްރޭންޑެއް ތަޢާރަފުކޮށްފި

ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޚާއްޞަ "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި އައު ޤައުމީ ބްރޭންޑް ސަރުކާރުން ތަޢާރަފުކޮށްފިއެވެ.

އިނގިރޭސި ވިލާތުގައި ކުރިއަށްދިޔަ ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި މި ބްރޭންޑް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒް އެވެ. މި ބްރޭންޑަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތް ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އައު ބްރޭންޑްގެ ލޯގޯގައި ފާހަގަކޮށްލެވޭ ގޮތެއްގައި ހިމަނާފައިވަނީ ރާއްޖޭގެ މަސްދޯނިފަހަރުގެ ޚާއްޞަ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ޑިޒައިނެކެވެ. މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމެވެ.

މީގެއިތުރުން، މި ބްރޭންޑުން ހާމަކޮށްދެނީ ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަމެވެ. އަދި ހަމައެހެންމެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް ތަރައްޤީވަމުންދާ، އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ސިނާޢަތެއްކަންވެސް މި ބްރޭންޑުން ދައްކުވައިދެއެވެ.

މި އައު ބްރޭންޑް ތަޢާރަފުކުރުމާއެކު، ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން