އެއީ ސްކޫލްއިރުގެ ދެލޯބިވެރިންނެވެ. ކައިވެނިނުކުރެވުނީ ޒުވާނާގެ ފަޤީރުކަމުންނެވެ. އަންހެން ކުއްޖާގެ މައިންބަފައިން ގަދަކަމުން ތަންވަސް މީހަކާއި ކައިވެނިކުރުވީއެވެ.
15 އަހަރު ފަހެވެ. މިއަދު އެޒުވާނާއަކީ ތަނަވަސް މީހެކެވެ. 3 ފިހާރަ ހިންގާ ވިޔަފާރިވެރިއެކެވެ. ފިހާރައިގެ އޮފީހުގައި އިންދައި ކެމެރާއިން ފެންނަނީ އަންހެނަކު ވަދެގެން އައިސް ކައުންޓަރުގައި ހުއްޓިފައި ވަޒީފާއަކަށް އެދޭތަނެވެ. ރަނގަޅަށް ބަލައިލިއިރު އޭނާގެ ހިތުގެ ރާނީއެވެ. އަވަހަށް ކައުންޓަރަށް ގުޅައި އޭނާ އޮފީހަށް ފޮނުވުމަށް އެދުނެވެ.
ދެމީހުން ބައްދަލުވުމާއިއެކު މާޒީ ދިރިގެން ދިއައެވެ. ދެމީހުންގެ ހިތް ތެޅިގަތެވެ. ބޮޑުވަރުވީ އަންހެން މީހާއަށެވެ. އެކަމަކު އެކަން ނުއަންގަން ވަރަށް މަސައްކަތްކުރިއެވެ. އަންހެން މީހާ އޭނާގެ ޙަޔާތުގެ މާޒީ ކިޔައިދިނެވެ. 5 ދަރިންނާއިއެކު ނިކަމެތިވެފައިވާ ކަމަށް ބުންޏެވެ. މައިންބަފައިންވެސް ނިޔާވެ އަލައިލާނެ މީހަކުވެސް ނެތްކަމަށް ބުންޏެވެ. ކުރާނެ މަސައްކަތެއް ލިބޭތޯ ނުކުމެ ހިނގާތާ ކިތަންމެ ދުވަހެއް ކަމަށާއި މިއަދުވެސް ދަރިންނަށް ކާންދެވޭނެ ގޮތެއްވެސް ނެތުމުން ކަމަށްވެސް ބުންޏެވެ.
އޭނާގެ ހިތް އެއިރުވެސް ބާރަށް ތެޅެއެވެ. ނަމަވެސް ކެތްތެރިވާން މަސައްކަތްކުރީ އަނެކާވެސް މިހާރު ހުންނާނީ ކައިވެނިކޮށްގެންކަމަށް ވިސްނައިގެންނެވެ. މީހެއްގެ ފިރިއެއްގެ ގައިގަ ނުބީހެންވެގެންނެވެ. އެފަދަ ބަހެއްވެސް ނުބުނަން ވެގެންނެވެ.
އިސްނެގީ އަނެކާއެވެ. ގޮނޑިން ތެދުވެ ސޯފާގައި އޭނާގެ ގާތުގައި އިށީނދެ ބައްދައިލިއެވެ. ބުންޏެވެ. "ޤަބޫލުކުރަން އުނދަގޫވާނެކަން އެނގެއެވެ. އަހުރެން އަދިވެސް ލޯބިވެރިއަކުވެސް ނުހޯދަމެވެ. ކައިވެންޏެއްވެސް ނުކުރަމެވެ. 5 ދަރިން ތިބުމަކީ މައްސަލައެއް ނޫނެވެ. އަވަހަށް ކައިވެނިކުރަންވީއެވެ."
ހެދޭނީ ކޮން ދެކޮޅެއް ހެއްޔެވެ؟ އަވަސް އަވަހަށް އެއްބަސްވެ ކައިވެނިކުރީއެވެ. ކައިވެންޏަށް މިހާރު 10 އަހަރެވެ. 5 ދަރިން ތިބުމަކީ އެއްވެސް މައްސަލައަކަށް މިއަދާއި ހަމައަށްވެސް ނުހަދައެވެ. ދެމީހުންނަށްވެސް 2 ކުދިން ލިބިއްޖެއެވެ. ލޯބި ހަމަ އަލަތު ލޯބިފަދައެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިނަނަށް ޙިއްޞާ މިކުރީ 7 ދަރިންގެ ފަޚުރުވެރި މަންމައެވެ. 15 އަހަރަށްފަހު އަލަތު ލޯބި އަނބުރާ ލިބުމުގެ ބޮޑު ނަޞީބު ލިބުނު އަންހެނާއެވެ. އަޅުގަނޑު ހަމައެކަނި ބުނެލަން ބޭނުންވަނީ ކިތަންމެ މަދު ނަމަވެސް އަޅުގަނޑުގެ ފިރިމީހާ ފަދަ ފިރިހެނުން މިހާރުވެސް އެބަތިބިކަން ޤަބޫލުކުރަމާ ހިނގާށެވެ!
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް