އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް މިދިޔަ ބުދަ ދުވަހު ވަނީ ފަށައިފައެވެ.
މިހާތަނަށް ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން މި ފުރުސަތު ދެމުން އައީ ހަމައެކަނި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިންނެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި މެޑިކަލް އިންޓަރންޝިޕް ދެވޭނެ ހޮސްޕިޓަލްތައް އިތުރަށް ކަނޑައަޅާފައެވެ.
ޑޮކްޓަރުކަން ކިޔަވައިގެން ނިމޭ ދަރިވަރުން ދާއިމީ ޚިދުމަތަށް ނިކުތުމުގެ ކުރިން އެއް އަހަރު ދުވަހުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފުރިހަމަކުރުމަކީ ލާޒިމު ކަމެކެވެ. މިގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފެށި މި ޕްރޮގްރާމަކީ އަތޮޅުތެރޭގައި ފެށި މިފަދا ފުރަތަމަ ޕްރޮގްރާމެވެ.
މާލެ ސަރަހައްދުގައި މިހާރު އައިޖީއެމްއެޗް އާއި އޭޑީކޭ ހޮސްޕިޓަލުން މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ކުރިއަށްގެންދާއިރު، ހުޅުމާލެ ހޮސްޕިޓަލުގައިވެސް މި ޕްރޮގްރާމް ފެށުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފެށި ފުރަތަމަ ހޮސްޕިޓަލެވެ.
މި ޕްރޮގްރާމް އިތުރު ހޮސްޕިޓަލްތަކުގައި ފެށުމުން، ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމަށް ލިބޭ ފުރުސަތުތައް އިތުރުވެ، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާނެ ޑޮކްޓަރުން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.