ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރު ދަތުރުކުރާ ބައިނަލްއަގުވާމީ ހުރިހާ އެއަރލައިނެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައު ޓަރމިނަލަށް ބަދަލުކުރެވޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވިގޮތުގައި، ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެހިފައިވާ އައު ޓަރމިނަލްގެ އޮޕަރޭޝަންތައް ފުރަތަމަ ފަށާނީ ގައުމީ އެއަރލައިން މޯލްޑިވިއަންއާ އެކުގައެވެ. އޭގެ ފަހުން، ފަހަރަކު އެއަރލައިނެއްގެ މަގުން އެހެން އެއަރލައިންތައް އައު ޓަރމިނަލަށް ބަދަލުކުރެވިގެންދާނެއެވެ.
މުޖުތަބާ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން ފަތުރުވެރިކަމަށް ޑިޕެންޑްވާ ޤައުމަކަށްވީމަ، މިކަމުގެ ތެރޭގައި އެއްވެސް މައްސަލައެއް އުޅެގެން ނުވާނެކަމަށް އެ ބޭފުޅުންވެސް (އޮރާޓް) ވިދާޅުވަނީ. އެހެން ނޫނީ ޤައުމަށް ލިބިދާނެއޭ ގެއްލުމެއް. އެހެންވީމަ އެކަން އެންމެ ސްމޫތުކޮށް ގެންދިއުމަށްޓަކައި ފަހަރަކު އެއަރލައިނެކޭ ގެންދާނީ" ކަމަށެވެ.
އައު ޓަރމިނަލަށް ހުރިހާ އެއަރލައިނެއް ބަދަލުކުރުމަށްފަހު، މިހާރު ބޭނުންކުރަމުންދާ ބައިނަލްއަގުވާމީ ޓަރމިނަލް ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކުރިއަށް އޮތް 40 އަހަރު ދުވަހު އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އައު ޓަރމިނަލްގެ އޮޕަރޭޝަންތައް ފެށުމާއެކު، މިއަހަރުގެ ފަތުރުވެރިންގެ ސީޒަން ފެށޭއިރު ރާއްޖެއަށް ދަތުރުކުރާ ހުރިހާ ބައިނަލްއަގުވާމީ އެއަރލައިނެއްގެ ޚިދުމަތްތައް އައު ޓަރމިނަލުން ލިބެން ފެށޭނެކަން އެމްއޭސީއެލްއިން ޔަގީންކޮށްދީފައިވެއެވެ.