"ހޯޕް އައިލެންޑް" ގެ ކޮންސެޕްޓް އަންނަ މަހުން ފެށިގެން ތަންފީޒުކުރަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
"ހޯޕް އައިލެންޑް" ގެ ކޮންސެޕްޓް އަންނަ މަހުން ފެށިގެން ތަންފީޒުކުރަން ފަށަނީ

ކުށުގެ ވެށްޓަށް ހުށަހެޅޭ ކުދިން އިސްލާހުކުރުމަށް ކުރިއަށްގެންދާ 'ހޯޕް އައިލެންޑް'ގެ ކޮންސެޕްޓް، އަންނަ މަހުން ފެށިގެން ފުލުހުންގެ މަރުކަޒެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބޭއްވުނު 9 ވަނަ ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި އެންމެ ބޮޑު އެއް ހުސްކަމަކީ ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއްގައި އިންޓަރވެންޝަން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ނެތުމެވެ.

"ފުލުހުންގެ ޚިދުމަތުގައި ހުރި ތަމްރީނުދޭ ތަންތަނުން ކޮންމެވެސް އެއް ދިމާލެއްގައި އަޅުގަނޑު އެބަ ގަސްތުކުރަން އަންނަ މަހުން ފެށިގެން އަޅުގަނޑުމެން ހޯޕް އައިލެންޑް މި ރަންކުރަން އުޅޭ ކޮންސެޕްޓުގައި، އެކަމަށް އެންމެ ބޭނުންވާ ކުދިން އައިޑެންޓިފައި ކޮށްފައި، އެކުދިންކޮޅު ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި އެ ކުދިންނަށް ދޭންޖެހޭ ޚާއްސަ ފަރުވާ އެ މަރުކަޒުތަކުގައި ދޭން ފެށުން،" ވަޒީރު ވިދާޅުވިއެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ދާއިމީ ގޮތެއްގައި 'ހޯޕް އައިލެންޑް' ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިމެއްގައެވެ. ނަމަވެސް އެ މަޝްރޫޢު ފުރިހަމައަށް ޤާއިމްވަންދެން، ވަގުތީ ގޮތުން ފުލުހުންގެ މަރުކަޒެއްގައި މި މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިއީ ކުރިން ޓެސްޓުކުރެވިފައިވާ ނިޒާމެއް ކަމަށާއި، މިހާތަނަށް މި މަސައްކަތް ނުފެށި ލަސްވެފައިވަނީ މިކަމަށް ބޭނުންވާ ވަކި ޖާގައެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން، ކުރިއަށް އޮތް މަހު ކޮންމެވެސް އެއް ތަމްރީނު މަރުކަޒެއްގައި މިކަމަށް ޖާގައެއް ހުސްކޮށް، މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން