ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އެންމެހައި މުޢާމަލާތްތައް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިންކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިގޮތުގައި އަންނަހަފްތާގެ ތެރޭގައި ރަނގަޅު އިންތިޒާމުތަކަކާއެކު ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެއެވެ.
ވުޒާރާއިން އިތުރަށް ހާމަކުރެއްވިގޮތުގައި، ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓު ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު އެފް.ޑީ.ސީއާ ޙިއްސާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށްގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.
ވުޒާރާއިން އިންޒާރު ދެއްވާފައިވަނީ އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެ ކަމަށާއި، މިގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް އެވުޒާރާއިން ނުވަތަ އެފް.ޑީ.ސީއިން ނުގުޅާނެކަމަށެވެ. އަދި އެފަދަ ފޯނު ކޯލުތަކާއި އެސް.އެމް.އެސްތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަޝްރޫޢަކީ މާލޭ ސަރަޙައްދުގައި މިވަގުތު ހިންގާ އެންމެ ބޮޑު ސޯޝަލް ހައުސިންގ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރެއް އިމާރާތްކުރެވެމުންދާއިރު، 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭ.ޕީ.އައި.އެލް) އިންނެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން (އެން.ބީ.ސީ.ސީ) އިންނެވެ.
މި ފްލެޓްތަކުގެ ފިނިޝިންގގެ މަސައްކަތް ވަނީ ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓަވަރުތަކަށް ބޭނުންވާ ޔޫޓިލިޓީ ޚިދުމަތްތައް ގުޅާލުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތަކުގައި 2 އަދި 3 ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނެއެވެ.