ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އާރުސީސީން ކުޑަހުވަދޫގައި ތަރައްޤީކުރާ ހައުސިންގ ޕްރޮޖެކްޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ފާހަގަކުރެއްވީ ފުއްދުންތެރި ފަރާތްތަކާއި އަމިއްލަ ފުއްދުންތެރިކަން ނެތް ފަރާތްތަކަށް ޚާއްސަކޮށްގެން ގިނަ ހައުސިންގ މަޝްރޫޢުތަކެއް މިހާރު ހިނގަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، "ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން މާނަކުރަނީ އަމިއްލައަށް ތަނެއް ގަނެވޭ ފެންވަރުގެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ސަރުކާރުން އަޅާ ސޯޝަލް ހައުސިންގެ ތެރެއިން ފުރުސަތު ހޯދައިދިނުން" ކަމަށެވެ. އަދި ލިބޭ އާމްދަނީގެ ގޮތުން ތަންތަން ގަނެވޭ ފަދަ ފުދުންތެރި ފަރާތްތަކަށް އެފޯޑަބަލް ހައުސިންގ، އަދި މުއްސަނދި ފަރާތްތަކަށް ލަގްޒަރީ ފެންވަރުގެ ޔުނިޓުތައް ގަތުމުގެ ފުރުސަތު ހޯދައިދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ 65,000 ހައުސިންގ ޔުނިޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ހަމައެކަނި ސޯޝަލް ހައުސިންގ އެޅުމުގެ މަޝްރޫޢެއް ނޫން ކަމަށެވެ. އަދި މިފަދަ މަޝްރޫޢެއް ހިންގުމަކީ ކުޑަ ދައުލަތަކުން ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 50 އަށްވުރެ ގިނަ ރަށުގައި އާބާދީ 500 އަށްވުރެ ކުޑައެވެ. މި ރަށްތަކަށް ސަރުކާރުން ކުރަންޖެހޭ ޚަރަދަކީ ދަރަނި ނަގައިގެން ނޫނީ ނުކުރެވޭވަރުގެ ބޮޑު ޚަރަދުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.