ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތްނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބިފައިވާ ފްލެޓް ނުގެއްލޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
މި ނިންމުމަކީ ކުރިން އާންމުކޮށްފައިވާ އުސޫލަށް ގެނެވުނު ބަދަލެކެވެ. ކުރިން އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވަނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭނީ ބިންވެރިޔާ ސްކީމުން ލިބިފައިވާ ގޯތި ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ކަމަށެވެ. ނަމަވެސް މި އުސޫލަށް އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެ އުސޫލު ބަދަލުކުރަން ނިންމާފައިވާ ކަމަށް ވުޒާރާއިން ވަނީ ބަޔާންކޮށްފައެވެ.
ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީއެވެ. އަދި ހިއްކާފައިވާ ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ގިނަ ދުވަސްތަކެއް ނަގާނެތީއެވެ.
ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، 15 ނޮވެމްބަރު 2023 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާނުކުރި ލިސްޓާ ގުޅިގެން، ފްލެޓް ނަންބަރު ގުރުއަތުނަގައި ލިބޭ ފްލެޓް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކަށް، އުސޫލަށް ގެނައި ބަދަލާ ގުޅިގެން ޝަރުތު ހަމަނުވާކަމުގެ ލިޔުމެއް މިހާތަނަށް ފޮނުވާފައި ނުވެއެވެ.
އަދި ސަރުކާރުން މިހާރު ދަނީ 4000 ހައުސިންގ ޔުނިޓް ހަވާލުކުރުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. މި މަސައްކަތުގެ ތެރެއިން އަންނަ ހޯމަ ދުވަހު ކޮންޓްރެކްޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.