ތަނަވަސްކަން ނެތްނަމަ ކައިވެނިކުރަން ބޭނުންނުވާ މީހުން މަދެއް ނޫނެވެ. ލޯބިވެގެން އުޅެމުންވެސް ތަނަވަސްކަން ހުރި މީހަކު ފެންނައިރަށް "ސްވިޗްއޯފް" ކޮށްލާ މީހުންވެސް މަދެއް ނޫނެވެ. ތިރީގައި އެވަނީ އެފަދަ މީހުންނަށް ރަނގަޅު ފިލާވަޅަކަށްވާނެ ވާހަކައެކެވެ.
ކިޔުންތެރިން މިކުރު ވާހަކަކޮޅު ވަރަށް ވިސްނުންތެރިކަމާއިއެކު ކިޔައިލާށެވެ! މިކިޔައިދެނީ އަހަރެންގެ ޙަޔާތުގައި މިހައިތަނަށް އެންމެ ބޮޑަށް ލަދުވެތިވި ދެރަވެސްވި އަދި އުފާވެސްވި ދުވަހުގެ ވާހަކައެވެ.
އެއީ ކޮވިޑުގެ އެންމެ ބާރުގަދަ ދުވަސްވަރެވެ. އަހަރެންގެ 3 ވަނަ ދަރިފުޅު ވިހަން ބަނޑުގައި ރިއްސި ދުވަހެވެ. ޓެކްސީއަކަށް ގުޅުމަށްފަހު މަންމައާއި އަދި ފިރިމީހާ އާއިވެސް އެކު މަގުމަތީގައި ހުރީ ޓެކްސީގެ އިންތިޒާރުގައެވެ. މިކައިރިކުރަނީކަމަށް ބުނުމުންނެވެ.
ކުއްލިއަކަށް ކާރެއް މަޑުކޮށް ދޮރުހުޅުވައިލުމުން ކާރަށް އެރީއެވެ. އަވަހަށް ދާންބޭނުންވެފައިތިބިވަރުން ނަންބަރުޕްލޭޓަކަށްވެސް ނުބަލަމެވެ. ފިރިމީހާއެރީ ކުރީ ސީޓަށެވެ. މަންމަ އާއި އަހަރެން އެރީ ފަހަތު ސީޓަށެވެ. ދުއްވަމުން ދިއައިރު ދެއްކީ އަތުގައި ޚަރަދުކުރާނެ ފައިސާ ނެތް ވާހަކައެވެ. ހޮސްޕިޓަލް ބިލްތައްކަންވެސް 3000 ރުފިޔާވަރު ދޮންތައަތުން ދަރަންޏަށް ނަގަންޖެހޭނެވާހަކައެވެ.
ކާރުމަޑުކޮށްލުމުން ޓެކްސީއަށް ފައިސާދިނީ އަހަރެންގެ ދަބަހުންނެވެ. މާރުކޮށްލެވިދާނެތޯ؟ ސުވާލުކުރުމަށްފަހު ދިނީ ފަސްސަތޭކަރުފިޔާގެ ގަނޑެކެވެ. އޭނާ މާރުކޮށްފައި ދިންއިރު މަތީގައި ފެންނަންހުރީ 10 ރުފިޔާގެ ގަނޑުތަކެކެވެ. ބާކީ ދިން ފައިސާ ގުނައިލަން ޖެހޭނެ ނަމަވެސް އެވަގުތު އެކަމެއް ނުކުރެވުނެވެ. ބޮޑިކޮށްލާފައި ފަހުން ގުނާލަން ވަކިން ދަބަހުގެ ޖީބަކަށްލީއެވެ.
ޑޮކްޓަރަށް އިންތިޒާރުކުރަން ޖެހުނު ވަގުތުގައި ދަބަހުން އެފައިސާ ނަގައި ބާކީދީފައި އޮތީ ހަމައަށްތޯ ބަލައިލީމެވެ. އެއިގައި 500 ރުފިޔާގެ 9 ގަނޑާއިއެކު 4470 ރުފިޔާއޮތެވެ. ކުއްލިއަކަށް ލިބުނީ ބޮޑު ޙައިރާންކަމެކެވެ. ވަގުތުން ޓެކްސީ ސެންޓަރަށް ގުޅައި ގެއަށް ފޮނުވި ކާރުގެ ޑްރައިވަރުގެ ނަމްބަރު ހޯދަން މަސައްކަތްކުރީމެވެ. ސެންޓަރުން ބުނީ ކާރު ތަންކޮޅެއް ފަހަތުގައި އޮއްވައި އަހަރެމެން އެހެން ކާރަކަށް އަރައިގެން ދިއައީ ކަމަށެވެ. ވީމާ އެއީ ކޮން ޑްރައިވަރެއްކަން އޮޅުންފިލާނެ ގޮތެއް ނުވިއެވެ.
އެކަމާ ވިސަނަމުންދަނިކޮށް ކުއްލިއަކަށް އެޑްރައިވަރު ބާކީ ދެމުން ބުނި ބަހެއް ހަނދާންވިއެވެ. "އަވަހަށް ގެނެސްދެވުނުކަމަށް ހީކުރަމެވެ. ޚިދުމަތެއް ކޮށްލަދޭނެ ފުރުޞަތެއް ލިބުނީތީ އުފާކުރަމެވެ. އަދިވެސް އިތުރު ފުރުޞަތެއްގައި ބައްދަލުވާނެ ކަމަށް އުންމީދުކުރަމެވެ." ޑްރައިވަރު މިހެން ބުނުމުން ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ ވެސް ބުނީމެވެ.
އެހަނދާންވުމުން އެއަޑަށް ވިސްނީމެވެ. އަދި އެއީ އަހަރެންނާ ވަރަށް ރައްޓެހި އަޑެއްކަންވެސް އެހިސާބުން ފާހަގަކުރެވުނެވެ. އެކުވެރި ކިޔުންތެރިންނޭވެ! އެއީ މީގެ 7 އަހަރުކުރިން އަހަރެންދެކެ ވަރަށް ލޯބިވެގެން އުޅުނު ފިރިހެނެކެވެ. އަހަރެން ހަމަޤަޞްދުގައި އޭނާ އާއި ވަކިވީ އެއިރު އޭނާގެ މާލީ ޙާލަތުހުރިގޮތުންކަމަށް މިއަދު މިބުނަނީ ވަރަށް ލަދުވެތިކަމާއިއެކުގައެވެ.
ޢޭނާއާއި ކައިވެނިނުކޮށް އަހަރެން ކައިވެނިކުރީ އެއިރު ހަމަ ފުދޭވަރެއްގެ ތަނަވަސްކަން ހުރިމީހަކާއިއެވެ. 2 ދަރިން ލިބުނުތަނާ އޭނާ އަހަރެން ދޫކޮށްލާފައި ދިއައީއެވެ. ދެން ކައިވެނިކުރަން ލިބުނީ ވަރަށް އާދައިގެ ވަޒީފާއެއް އަދާކުރާ މީހެކެވެ. އެއީ އަހަރެންގެ މިއަދުގެ ފިރިމީހާއެވެ.
އިތުރަށް ދެން ބަސްތަކެއް ނުބުނި ނަމަވެސް އަހަރެންނަށް ކަންކަން މިދިމާވި ގޮތް ވަރަށް ކުރުކޮށް މިކިޔައިދިނީއެވެ. ކޮންމެވެސް ބައަކަށް ޢިބްރަތަކަށްވާނެ ކަމަށް ހީކުރަމެވެ. ހަމަ ޔަޤީނުންވެސް އަހަރެންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެން ހިނގައްޖެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
މިއަދުނޫހަށް ފަހުން އެނގުނު ގޮތުގައި އެޒުވާނާއަކީ މިހާރު 2 ފިހާރަ ހިންގާ ބޮޑު ވިޔަފާރިވެރިއެކެވެ. ކުރީގެ ލޯބިވެރިޔާ ހޮސްޕިޓަލަށް ގެންގޮސްދިނީ އަމިއްލަ ކާރުގައެވެ. އޭނާއަކީ ކާކުކަން އަންގަން ބޭނުންނުވާތީ އިތުރަށް ވާހަކަ ނުދެއްކީއެވެ.