ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު މާސްޓަރޕްލޭން އެކުލަވާލުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުރީކޮޅު އިފްތިތާހުކުރެއްވި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ ތަޞައްވުރާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް މިހާރު ވަނީ ކަމާބެހޭ ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަމުންނެވެ.
ހޭޔަންބޯ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވި ގޮތުގައި، އައު މާސްޓަރ ޕްލޭނުގައި ގިނަ ކަންތައްތަކެއް ހިމެނޭނެއެވެ. "އެއަރޕޯޓާ ގުޅިގެން ޑައުންޓައުން ޑިއުޓީ ފްރީއާއި، ފްރީ ޒޯނާއި މިކަހަލަ ބައިވަރު ކަންތައްތައް ކުރާނެ. އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު ނިމޭއިރު އައު މާސްޓަރ ޕްލޭން އަތަށް އަރާނެ. މާސްޓަރ ޕްލޭން އަތަށް އެރުމާއެކު އޭގެ ތެރޭގައި ހުރި ވަކި ކޮމްޕޯނެންޓުތަކުގެ މަސައްކަތް ފަށާނެ،" ޝަރީފް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރޭގައި ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުން ހިމެނެއެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އެއަރޕޯޓު ބޭނުންކުރާ 95 އިންސައްތަ މީހުންނަކީ ފަތުރުވެރިންނެވެ. އެހެންކަމުން، ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ މި ޓާމިނަލްވެސް އައު ޓާމިނަލާ އެއްފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭ ގޮތަށް ތަރައްޤީކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށްވާއިރު، މި މަސައްކަތްތައް ނިމުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ޒަމާނީ ފެންވަރުގެ އެއަރޕޯޓަކަށް ވެގެންދާނެއެވެ.