އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އައިނު ފިހާރައެއް ހުޅުވުމުގެ މަސައްކަތް ނިމި، މިމަހުގެ 27 ވަނަ ދުވަހު ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދެއްވިގޮތުގައި މިވަގުތު ކުރިއަށްދަނީ އައިނު ފިހާރައިގެ ފިނިޝިންގ މަސައްކަތްތަކެވެ. އައިނު ހެއްދުމުގެ ޚިދުމަތަކީ ގިނަ ރައްޔިތުން ދުވަސްވީ އިރުއްސުރެ ބޭނުންވެފައިވާ ޚިދުމަތެކެވެ. މިހާތަނަށް ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒަކުން މި ޚިދުމަތް ފޯރުކޮށްދީފައި ނުވެއެވެ.
ހެލްތު އިންޝުއަރެންސް ސްކީމްގެ ދަށުން ރައްޔިތުންނަށް އައިނު ހެއްދުމަށް ކޮންމެ ދެއަހަރުން އެއްއަހަރު 1000 ރުފިޔާގެ އެހީތެރިކަމެއް ދެމުން އައި ނަމަވެސް، އައިނު ހެއްދުމަކީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށް ވެފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ މެއި މަހު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފެށުމަށް ނިންމަވާފައެވެ.
"އައިޖީއެމްއެޗުގައި އައިނު ފިހާރަ ހުޅުވުމަށްފަހު، ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވިގެންދާނެ،" މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
މީގެއިތުރުން، މި ޚިދުމަތް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލުތަކާ ހަމައަށް ފުޅާކުރުމަށް ރޭވިފައިވާކަން ވެސް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ އަގެއްގައި އައިނު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.