އެމްޑީޕީގެ އެކްޑިވިސްޓް މަރިޔަމް ޒުބައިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންގެ އަބުރުގެ ރައްކާތެރިކުރުމުގެ ޙައްގު ނިގުޅައިގެންފައިވާކަން ސާބިތުވާކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުންނެވެ. މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ މަރިޔަމް ޒުބައިރު، މަންދީއާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީއާ ދެކޮޅަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ޓީމުން ފާހަގަކުރެއްވި ގޮތުގައި، "ފާއިތުވި މާރިޗުމަހުގެ ތެރޭގައި މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، އެކުއްޖާގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކުރުވި" ކަމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީން ކުޑަކުދިންނަށް ލިބިދޭ ނަމާއި އަބުރުގެ ރައްކާތެރިކުރެވިފައިވުމުގެ ޙައްގާއި އެކި މުއާހަދާތަކުން ލިބޭ ޢިއްޒަތާއި އަބުރު ރައްކާތެރިވެފައިވުމުގެ ޙައްގު ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންގެ ފަރާތުން ނިގުޅައިގެންފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ލިބިވަޑައިގަންނަވާ ކަމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ނަމަވެސް މި މައްސަލައިގައި މަރިޔަމް ޒުބައިރުގެ މައްޗަށް ސާބިތުވި ކަންކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީ ޒިންމާ ކުރެވެން ނެތްކަމަށް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.