ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޒަކާތު ހައުސްއިން ވަނީ ހުޅުވާލައިފައެވެ. މި ދަފްތަރުގައި ރަޖިސްޓްރީވެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށްކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.

ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ފޯމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި، ފޯމު ހުށަހަޅާ ފަރާތުގެ އަސާސީ މަޢުލޫމާތާއި، ދަރިންގެ މަޢުލޫމާތު އަދި އާމްދަނީއާއި ޚަރަދުތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. މި މަޢުލޫމާތުތައް ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލު ފޯމާއެކު ހިމަނާފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ޒަކާތު ހައުސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިވަގުތު ރާއްޖޭގައި ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި 2,852 މީހުން ވަނީ ދަފްތަރުކޮށްފައެވެ. މި ފަރާތްތަކަށް އެހީގެ ގޮތުގައި ޒަކާތު ފަންޑުން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރަމުން އަންނަކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މި އަހަރުގެ ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 14.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން