މާފަރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މާފަރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފި

ނ. މާފަރުގައި ސަރުކާރުން ޤާއިމްކުރެއްވި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މާފަރަކީ އެމްޑަބްލިއުއެސްސީން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމާލި 20 ރަށުގެ ތެރެއިން އެއް ރަށެވެ.

މާފަރުގައި ފެން ޕްލާންޓް ބަހައްޓައި، ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް މި މަޝްރޫޢުގެ ދަށުން ޤާއިމްކޮށްފައިވެއެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް ތާންގީތައް ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އަޅައި، ރަށުގެ ހުރިހާ ގޭބިސީތަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވެއެވެ.

ނަރުދަމާ ނިޒާމުގެ ތެރެއިން ޕަންޕިންގ ސްޓޭޝަންތައް ޤާއިމްކޮށް، ސީ އައުޓްފޯލްއާއި ރިޖެކްޓް ލައިން އަޅައި ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އަދި މި ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ އާލާތްތައްވެސް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވެއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ އަސާސީ ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

މިއަދު އޮންލައިން