މާފަރުގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މާފަރުގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފަށައިފި

މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ. އަދި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ބިންގާ އެޅުއްވުމަށްފަހު މަޝްރޫޢުގެ އަމަލީ މަސައްކަތް ވަޒީރު ވަނީ ފައްޓަވައިދެއްވާފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކުރެވިފައެވެ.

މި މަރުކަޒު ޤާއިމްކުރެވުމުން، މާފަރާއި އެ ސަރަޙައްދުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މިއީ އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމުގައި ވެސް ބެލެވެއެވެ.

މިއަދު އޮންލައިން