ނަފްސާނީ ސިއްޙަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް އަލުން ފަށާފައިވާ ކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން މިއަދު ހާމަކޮށްފިއެވެ. މި ޚިދުމަތަށް ބޭނުންވާ ފަރާތްތަކަށް 1677 ނަންބަރުން 24 ގަޑިއިރު ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެ ޑިޕާރޓްމަންޓުން ބުނެފައިވެއެވެ.
އިއްޔެ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހެލްޕްލައިންގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑުނު ނަމަވެސް، އެ ވަގުތު ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ގުޅޭނެ ވަގުތީ ނަންބަރެއް ތަޢާރަފްކޮށްފައިވާ ކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ފާހަގަކުރިއެވެ.
ނަފްސާނީ ހެލްޕްލައިންގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އަދި ނަފްސާނީ ބަލި ހުންނަ އެކި އުމުރުފުރައިގެ މީހުންނަށް، 24 ގަޑިއިރު ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހެލްޕްލައިނުން ނަފްސާނީ ސިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން، މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ހެދިފައިވާ އުޞޫލުގެ ތެރެއިން ގުޅުންހުރި އެހެނިހެން ޚިދުމަތްތަކަށް ރިފަރަލް ހެދުމުގެ ޚިދުމަތްވެސް މި ހެލްޕްލައިނުން ފޯރުކޮށްދެއެވެ.