ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު ވަނީ ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައެވެ. މިއީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ފުރުސަތު ދެއްވުމާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ.
އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ޢަދުނާން ރިޓަޔަރ ވެވަޑައިގަތުމަށް އެދި ހުށަހަޅުއްވާފައިވަނީ މިދިޔަ މެއި މަހުއެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔަރވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަކީ މުޢުތަޞިމް ޢަދުނާން ކަމުގައި ވުމެވެ.
މީގެ ކުރިން އައްޔަންކުރެވުނު އުއްތަމަ ފަނޑިޔާރުންނަކީ އެކި ސަބަބުތަކާ ހުރެ މަޤާމުން ދުރުކުރެވުނު ބޭފުޅުންނެވެ. ނަމަވެސް މުޢުތަޞިމް ޢަދުނާންގެ ރިޓަޔަރމަންޓަކީ އަމިއްލަ އިޚްތިޔާރުގައި ނިންމެވި ނިންމެވުމެކެވެ.
މި މުނާސަބަތުގައި ސުޕްރީމް ކޯޓުން ނެރުއްވި ޚާއްސަ ޕޯސްޓެއްގައި، "ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް" ޝުކުރު ދަންނަވާފައިވެއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި މުޢުތަޞިމް ޢަދުނާން ހުންނެވި މުއްދަތުގައި ޝަރުޢީ ދާއިރާގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. އަދި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް އެތައް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ.