ރައީސް ޑރ. މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް ވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައީސް ޑރ. މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ރަށަށް ޒިޔާރަތްކުރެއްވުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދުގައި އެއްވެފައިވެއެވެ.

ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ދެވަނަ ރަށަކީ ހެނބަދޫއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެކަމަށް ވެއެވެ. އަދި ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުން އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހެނބަދޫގައި ދެ މުހިންމު މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަލަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައު މިސްކިތެއްގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖުލައި 21 އިން 25 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށާއި، ރައްޔިތުންގެ ހާލު އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން