ހެނބަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހެނބަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ނ. ހެނބަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ހެނބަދޫ (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ކެބިނެޓުގެ އެހެން ވަޒީރުންނާއި، އެ ރަށު ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހެނބަދޫގައި ގާއިމުކުރާ މި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު އެވެ. ހެނބަދޫގައި ޤާއިމްކުރާ އެފްއާރުސީގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

ނ. ހެނބަދޫ އެފްއާރުސީއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މިއަދު އޮންލައިން